16 Dec 2016, 01:01
ސިޔާމް-މައުރޫފް ސޮކާ ކަޕްގައި މަނަދޫ އެފްސީ އަތުން ޕޮއިންޓެއް ހޯދައި، ކެނދިކުޅުދޫ އެފްސީން ސެމީ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.
ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ނ. ކެނދިކުޅުދޫގައި ކުރިއަށް ގެންދާ އެ މުބާރާތުގައި މިއަދު ހަވީރު ކެނދިކުޅުދުއާއި މަނަދޫ އެފްޓީ ބައްދަލުކުރި 'ގްރޫޕް ސީ'ގެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.
އެ މެޗުގެ ފުރަތަމަ ލަނޑު ޖަހައި މަނަދޫން ލީޑު ހޯދި ނަމަވެސް، އަމިއްލަ ރަށުގައި ކުޅެމުންދިޔަ ކެނދިކުޅުދޫން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކެނދިކުޅުދޫގެ މުހައްމަދު އައްޒާމް އެވެ.
ކެނދިކުޅުދުއާއި މަނަދުއަށް ވެސް ތިން މެޗުން ފަސް ޕޮއިންޓް ލިބިފައިވާ އިރު، ކެނދިކުޅުދުއަށް ގްރޫޕްގެ އެއް ވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. ކެނދިކުޅުދުއަށް ފައިދާ ފަސް ގޯލު ލިބިފައިވާ އިރު، މަނަދުއަށް ލިބިފައި ވަނީ ފައިދާ ހަތަރު ގޯލެވެ.
އެ ގްރޫޕްގައި ދެން ހިމެނޭ މާޅެންދުއާއި ފޮއްދުއަށް ބާކީ އެއް މެޗު އޮތް އިރު، މާޅެންދުއަށް ދެ ޕޮއިންޓް ލިބިފައިވެ އެވެ. ގްރޫޕްގެ ފުލުގައި އޮތް ފޮއްދުއަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. މާޅެންދުއަށް ސެމީގެ ޖާގައެއް ލިބޭނީ މާދަމާ ހަވީރު ކުޅޭ އެ މެޗުން ބޮޑު ތަފާތަކުން މޮޅުވެގެންނެވެ. އެހެންނޫންނަމަ، އެ ގްރޫޕްގެ ސެމީގެ ޖާގަ ލިބޭނީ ކެނދިކުޅުދުއަށެވެ. ފޮއްދުއާއި މަނަދުއަށް ސެމީއަށް ދިއުމުގެ ފުރުސަތު މިހާރު ވަނީ ގެއްލިފައެވެ.
ތިން ޓީމެއް ވަނީ މުބާރާތުގެ ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އެއީ 'ގްރޫޕް އޭ'ގެ އެއް ވަނައިގައި އޮތް އެފްސީ މާފަރާއި، 'ގްރޫޕް ބީ'ގެ އެއް ވަނަ ހޮޅުދު އެފްސީ އަދި ހަމަ އެ ގްރޫޕްގެ ދެ ވަނަ މިލަދުއެވެ. މިލަދުއަށް ސެމީގެ ޖާގައެއް ލިބެނީ ގްރޫޕްގެ ދެ ވަނަ ހޯދި ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ޓީމުގެ ގޮތުގައެވެ. ސެމީގެ ފަހު ޖާގަ ލިބޭ ޓީމެއް ކަށަވަރުވާނީ މާދަމާ ހަވީރު ކުޅޭ 'ގްރޫޕް ސީ'ގެ މެޗަށްފަހު އެވެ.
އެހެން ގްރޫޕްތަކާ ހިލާފަށް 'ގްރޫޕް އޭ'ގައި ހިމެނެނީ ފަސް ޓީމެވެ. އެހެންކަމުން ދެ ވަނައިގައި އޮންނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމެއް ކަނޑައަޅާ އިިރު، 'ގްރޫޕް އޭ'ގެ ދެ ވަނައިގައި އޮންނަ ޓީމެއް އެ ގްރޫޕްގެ އެންމެ ފުލުގައި އޮތް ޓީމާ ކުޅުނު މެޗުގެ ނަތީޖާއެއް ނުބަލާނެ އެވެ. އެގޮތަށް ބަލާއިރު، މިވަގުތު 'ގްރޫޕް އޭ'ގެ ދެ ވަނައިގައި އޮތް ކުޑަފަރީ އެފްސީއަށް ސެމީގެ ޖާގައެއް ލިބޭކަށް ނެތެވެ. ކުޑަފަރީ އަކީ އެންމެ ފަހުގެ ރަނަރަޕެވެ.
އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ނ. އަތޮޅުގެ 13 ރަށުން ވެސް ބައިވެރިވެފައިވެއެވެ. ފާއިތުވެދިޔަ ދެ އަހަރު އެ މުބާރާތް ކުޑަފަރީގައި ބޭއްވި ނަމަވެސް، ތިން ވަނަ ސިޔާމް-މައުރޫފް ސޮކާ ކަޕް ކުރިއަށް ދަނީ ކެނދިކުޅުދޫގައެވެ.
ސިޔާމް-މައުރޫފް ސޮކާ ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގައި ފުޓްބޯޅަ ކުރިއަރުވައި، އެ އަތޮޅުން ރަނގަޅު ފެންވަރުގެ ކުޅުންތެރިން ފުޓްބޯޅައަށް ތައާރަފް ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.
މާލޭގެ އުތުރުގައި އަދި ނ. އަތޮޅުގައި ވެސް މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ޗެމްޕިއަން ޓީމަށް މި އަހަރު 150،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި އިރު، ރަނަރަޕަށް ހުށަހަޅާފައި ވަނީ 100،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. ފެއާޕްލޭ ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، އެންމެ ފޯރިއާއެކު ސަޕޯޓްކުރާ ޓީމަށް ހުށަހަޅާފައި ވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.