ލ. ގަމު މަތިމަރަދޫ ކައުންސިލް އިދާރާ ފާޅާލައިގެން ދެ ކޮމްޕިއުޓަރު ވަގަށް ނެގިތާ ހަތަރު ދުވަސް ފަހުން ހަމަ އެ އޮފީސް ފަޅާލައި ކުރިން ވަގަށް ނެގި ކޮމްޕިއުޓަރު ތަކުގެ ކޭބަލް ތަކާއި އިތުރު ކޮމްޕިއުޓަރެއް ވަގަށް ނަގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މަތިމަރަދޫ ކައުންސިލްގެ އިދާރާއި ފަޅާލި ކަމުގެ ތުހުމަތުގައި ފުލުހުން ދެ މީހަކު ހައްޔަރު ކޮށް އެ އިދާރާއިން ގެއްލިފައިވާ ބައެއް ތަކެތި މިހާރު ހޯދާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ރާއްޖޭގައިވާ އެންމެ ބޮޑުރަށް، ގަމުގެ މަތިމަރަދޫ އަވަށުގެ ކައުންސިލްގެ އިދާރާއިން ބުނީ އެ އިދާރާ ދެވަނަ ފަހަރު ފަޅާލާފައި ވަނީ ކޮން އިރަކުކަން ނޭނގޭ ކަމަށާއި ނަމަވެސް ވަގުން ވަދެފައި ވަނީ މިދިޔަ ހަފުތާ ބަންދުގައި ކަމަށް ބެލެވޭ ކަމަށެވެ.

ކައުންސިލު އިދާރާއިން ބުނީ މި ފަހަރު ވެސް އެ އޮފީހަށް ވަގުން ވަދެފައި ވަނީ ފާހާނާގެ ފެންލައިޓްގެ ބިއްލޫރިތައް ނައްޓައިގެން ކަމަށެވެ. ގަމު މަތިމަރަދޫ ކައުންސިލްގެ އިދާރާ ހިންގަމުން އަންނަނީ އެއް ވެސް ސެކިއުރިޓީއަކައި ނުލަ އެވެ.