ށ. ފުނަދޫގައި ހުންނަ ދިރާގުގެ އެންޓަނާގެ މައްޗަށް އަރައި ނުފައިބާން އުޅުނު އުމުރުން 13 އަހަރުގެ ކުއްޖަކު ފަސް ގަނޑިއިރުފަހުން އެތަނުން ބާލުވައިފިއެވެ.

ފުނަދޫ ކައުންސިލުގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވިދާޅުވީ، އެ ކުއްޖާ އެންޓަނާއަށް އެރީ މިއަދު ހަވީރު 5:30 ހާއިރު ކަމަށެވެ. ނަމަވެސް އެރި ސަބަބެއް އަދި ނޭނގޭ ކަމަށެވެ.

އުސްމިނުގައި 280 ފޫޓު ހުންނަ އެ އެންޓަނާގެ ކޮޅަށް އަރާހުރި އެކުއްޖާ އެންޓަނާއިން ބާލުވާފައިވަނީ ފުލުހުންނާއި އެރަށުގައި އެވަގުތު އުޅުނު އުރީދޫގެ އެންޓަނާއަށް، އަރާ އެކްސްޕާޓުންގެ އެހީތެރިކަމާއެކު މިރޭ 10:30 ހާއިރު ކަމަށް ވެސް އަހުމަދު ވިދާޅުވިއެވެ.

"ކުއްޖާއަކަށް އެއްވެސް އަނިޔާއެއް ނުލިބޭ. މިހާރު ކުއްޖާ ވަނީ ފުލުހުންނާއި ޖެންޑާގެ ބެލުމުގެ ދަށުގައި،" ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

ފުނަދޫ މީހަކު ބުނީ، އެކުއްޖާއަކީ ސިކުނޑީގެ އުނިކަމެއް ހުންނަ ކުއްޖެއް ކަމަށެވެ.