އުރީދޫގެ ނެޓްވޯކް އިތުރަށް ވަރުގަދަކޮށް، ޑިޖިޓަލް ގައުމަކަށް ރާއްޖެ ބަދަލުކުރުމުގައި އުރީދޫން ދެމުންގެންދާ އެއްބާރުލުމުގެ ތެރެއިން އެ ކުންފުނީގެ ނޭޝަންވައިޑް ސަބްމެރިން ކޭބަލް މިއަދު އިފްތިތާހުކޮށްފި އެވެ.

ހުޅުމާލޭގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު އަޒްލީން އަހްމަދާއި ދައުލަތުގެ އެހެނިހެން ބައެއް އިސްވެރިންނާއި އުރީދޫގެ ސީއީއޯ އަދި އުރީދޫ ގްރޫޕްގެ އިސްވެރިންނެވެ.

ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް އަޅާ އެ ސަބްމެރިން ކޭބަލްގެ ސަބަބުން 2016 ނިމުމުގެ ކުރިން ދިވެހިރާއްޖޭގެ ކަންކޮޅުތަކަށް ފޯޖީ ފޯރުކޮށްދިނުމުގެ ގާބިލްކަން އުރީދޫއަށް ލިބި، ޑިޖިޓަލް ދުނިޔޭގައި ދިވެހި މުޖުތަމައުގެ ބައިވެރިވުން އިތުރުވެގެންދާނެ ކަމަށް އުރީދޫ އިން ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ، އުރީދޫން ގަބޫލުކުރާ ގޮތުގައި އައިސީޓީ ޓެކްނޮލޮޖީ އަދި ބްރޯޑްބޭންޑްގެ ހިދުމަތް މެދުވެރިކޮށް ދިވެހި ރައްޔިތުންގެ ހަޔާތަށް އިތުރު ފުރިހަމަކަމެއް ލިއްބައިދެވޭނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ދުނިޔޭގެ އެކިހިސާބުތަކުގައިވާ ޑިޖިޓަލް މުޖުތަމައުތަކުގެ މައިބަދައަކީ ފައިބާކަމަށް ވީހިނދު، އެ ކުންފުނީގެ މަގްސަދަކީ ވީހާވެސް އަވަހަށް ސަބްމެރިން ކޭބަލްގެ މަސައްކަތް ނިންމާލުން ކަމަށެވެ.

އެގޮތުން ކުރެވެމުން އަންނަ މަސައްކަތްތަކުގެ ދަށުން އަންނަ ޖެނުއަރީ މަހުގެ 15 އަށް، ސަބްމެރިން ކޭބަލްގެ މަސައްކަތްތައް އެއްކޮށް ނިމި، މުޅި ރާއްޖެއަށް ފޯޖީ ޕްލަސްގެ ހިދުމަތް ފޯރުކޮށްދެވިގެންދާނެ ކަމަށް ވިކްރަމް ވިދާޅުވިއެވެ. މިއަދުގެ ރަސްމިއްޔާތުގައި ވިކްރަމް ވަނީ ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭނުންވާ މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށަކާއި ރިސޯޓްތަކަށް ހައިސްޕީޑް ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމުގެ މުހިންމު ޕްރޮޖެކްޓެއް ވެސް އިއުލާނުކުރައްވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވީ، ދެކުނު އިރުމަތީ އޭޝިއާގެ ކަނެކްޓިވިޓީ އެންމެ ރަނގަޅު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަށް ސަރުކާރުން ދެކޭ ތަސައްވުރު ހަގީގަތަކަށް ހެދުމުގައި އުރީދޫގެ ނެޓްވޯކް އަޕްގްރޭޑް އެހީތެރިވެ، ރާއްޖޭގެ އައިސީޓީ ދާއިރާ އިތުރު ހަރުފަތަކަށް ގެންދިއުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ.

އޭގެ އިތުރުން އުރީދުއަކީ އިންވެސްޓްމެންޓް މެދުވެރިކޮށް ގައުމުގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީ ކުރިއެރުވުމުގެ މިސާލެއްކަމަށާއި، އެ ކުންފުނިން ރާއްޖެއަށް ފޯރުކޮށްދެމުންގެންދާ ހިދުމަތްތައް އަގުވަޒަންކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސް ބޯޑުގެ ޗެއާމަން ހާލިދް އިބްރާހިމް އަލް މަހްމޫދް ވިދާޅުވީ، އުރީދޫ ސަބްމެރިން ކޭބަލްގެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ލިބިފައިވާ އެއްބާރުލުމުގެ އަގުވަޒަންކޮށް، ޝުކުރުއަދާކުރާ ކަމަށެވެ. އަދި ދިވެހި މުޖުތަމައާއި ވިޔަފާރިތަކަށް ޒަމާނީ ޓެކްނޮލިޖީތަކުގެ ފައިދާތައް ފޯރުކޮށްދިނުމުގެ މަގްސަދުގައި ކުރިއަށް އޮތްތާގައި ވެސް ގިނަ ޕްރޮޖެކްޓްތަކެއް ހިންގާނެ ކަމަށް ވިދާޅުވި އެވެ.

އުރީދޫން އަޅާ ސަބްމެރިން ކޭބަލްއަކީ 1200 ކިލޯމީޓަރު ދިގު ކޭބަލެކެވެ.