15 Dec 2016, 21:08
ކްރިސްޓިއާނޯ ރޮނާލްޑޯގެ ފުޓްބޯޅަ ކެރިއަރުގައި އޭނާ ކާމިޔާބުކުރި 500 ވަނަ ގޯލާއި އެކު ކްލަބް އެމެރިކާގެ މައްޗަށް 2-0ގެ ނަތީޖާ އަކުން ކުރި ހޯދައިގެން ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލްގެ ފަހު ޖާގަ ރެއާލް މެޑްރިޑުން ހޯދައިފިއެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި މިވަގުތުހުރި ރޮނާލްޑޯ ކެރިއަރުގައި 500 ގޯލު ހަމަކޮށްފައި މިވަނީ އޭނާ ކުޅުނު 689 ވަނަ މެޗުގައެވެ. ޕޯޗުގަލްގެ ސްޕޯޓިންއިން އިން ކެރިއަރު ފެށި ރޮނާލްޑޯ ވަނީ އެޓީމަށް ފަސް ގޯލު ކާމިޔާބުކޮށްދީ މެންޗަސްޓާ ޔުނައިޓެޑަށް 118 ގޯލު އަދި ރެއާލް މެޑްރިޑަށް 377 ގޯލު ކާމިޔާބުކޮށްދީފައެވެ.

މިއަދު ހަވީރު ރެއާލް މެޑްރިޑް އާއި ކްލަބް އެމެރިކާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
ޖަޕާންގެ ޔޮކަހަމާ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު ރެއާލްއިން ކޮންޓްރޯލްކޮށްގެން ކުޅުނުއިރު މެޗުގެ ކުރީކޮޅުގައި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ލޫކަސް ވަޒްކަޒް، ކްލަބް އެމެރިކާގެ ގޯލު ކުރިމައްޗަށް ނަގައިދިން ހުރަސް ރޮނާލްޑޯ ބޮލުން ފޮނުވާލި ނަމަވެސް އެބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
މެޗުގައި ރެއާލަށް ލީޑް ލިބުނީ ފުރަތަމަ ހާފްގެ އިތުރުވަގުތުކޮޅުގައި ބެންޒެމާ ކާމިޔާބްކޮށްދިން ގޯލުންނެވެ. ބެންޒެމާ އެ ގޯލު ކާމިޔާބުކުރީ ކްލަބް އެމެރިކާގެ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެ ޓޮނީ ކްރޫސް ދިން ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

މިއަދު ހަވީރު ރެއާލް މެޑްރިޑް އާއި ކްލަބް އެމެރިކާ ކުޅުނު މެޗުގައި ރެއާލްގެ ފުރަތަމަ ގޯލު ބެންޒެމާ ކާމިޔާބް ކުރުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ
ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފްގައި ވެސް ރެއާލް އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު ކްލަބް އެމެރިކާއަށް ވަނީ ރެއާލްގެ ގޯލާ އަމާޒްކޮށް ނުރައްކާތެރި ބޯޅައެއް ފޮނުވާލެވޭގޮތް ނުވެފައެވެ.
ރެއާލްއަށް ލީޑް އިތުރަށް ފުޅާކޮށްދިން ގޯލު މެޗުގެ އިތުރު ވަގުތުކޮޅުގައި ރޮނާލްޑޯ ކާމިޔާބްކުރީ ޖޭމްސް ރޮޑްރިގޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.
އަންނަ އާދިއްތަ ދުވަހުކުޅޭ ފައިނަލްގައި ރެއާލް މެޑްރިޑުން ނިކުންނާނީ ޖަޕާންގެ ކަށިމާ އެންޓްލާސްއާ ދެކޮޅަށެވެ. ކަށިމާ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގައި ކޮލަމްބިއާގެ ކްލަބް އެތުލެޓިކޯ ނަކޮއިނަލް 3-0ގެ ނަތީޖާ އަކުން ބަލިކޮށްގެންނެވެ.