ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން ހިންގާ "އެކްސަސައިޒް އެކުވެރިން"ގެ އަސްކަރީ ތަމްރީންތައް ލ. ކައްދޫގައި މިއަދު ފަށައިފިއެވެ.

އެކްސަސައިޒް އެކުވެރިންނަކީ ދިވެހިރާއްޖެއާއި އިންޑިއާ އަސްކަރިއްޔާގެ ދެމެދުގައި އުފެދިފައިވާ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކޮށް، ކައުންޓާ ޓެރަރިޒަމް ފަދަ އޮޕަރޭޝަންތައް ދެ ގައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުމުގެ މަގްސަދުގައި 2009 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ތަމްރީންތަކެކެވެ.

ލ. ކައްދޫގައި ހުންނަ އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ހެޑްކުއާޓާޒްގައި މިއަދުން ފެށިގެން މިމަހުގެ 29ގެ ނިޔަލަށް ކުރިއަށްގެންދާ އެ އަސްކަރީ ތަމްރީންތަކުގައި މައިގަނޑު ގޮތެއްގައި އުނގަންނައިދެވޭނީ ރާއްޖޭގައި ވޯޓަރ ބޯން އޮޕަރޭޝަންތަކާއި އެއާ ގުޅުންހުރި އިތުރު އަސްކަރީ ތަމްރީނުތަކެވެ.

އެގޮތުން، އަސްކަރީ ތަމްރީނުތައް ލ. އަތޮޅުގެ ގުޅިފައިވާ ހަތަރު ރަށެއްގެ އިތުރުން އެ އަތޮޅުގެ އެއްގަމާއި ކަނޑާއި އަދި ވައިގެ މަގުން ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާއިރު، އެ އަތޮޅުގެ ބައެއް ފަޅު ރަށްތަކުގައި ވެސް ތަމްރީންތަކުގެ ބައިތައް ކުރިއަށްގެންދާނޭ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އިންޑިއާ އަދި ރާއްޖޭގެ އަސްކަރިއްޔާގެ ތަޖުރިބާކާރު ބޭފުޅުން ކިޔަވައިދެއްވާ މިއަހަރުގެ އަސްކަރީ ތަމްރީންތަކުގައި އިންޑިއާގެ އަސްކަރިއްޔާއިން ބައިވެރިވަނީ އިންޑިއާގެ ފޯތުބިހާރު ރެޖިމެންޓްގެ ސިފައިންނެވެ. އަދި ރާއްޖޭން ބައިވެރިވަނީ އެމްއެންޑީއެފްގެ މެރިންސް އެވެ.

އެކްސަސައިޒް އެކުވެރިންގެ ތަމްރީންތައް މިދިޔަ އަހަރު ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމްގައެވެ.