ބޭންކް އޮފް މޯލްޑިވްސްގެ ސެލްފް ސާވިސް އޭޓީއެމްއަކާ އެކު، އެ ބޭންކުގެ ބްރާންޗެއް ނ. ހޮޅުދޫގައި ހުޅުވައިފިއެވެ.

ބީއެމްއެލްއިން މައުލޫމާތު ދޭ ގޮތުގައި މިއަދު ހުޅުވި އެ ބޭންކުގެ ނ. ހޮޅުދޫ ބްރާންޗުގައި 24 ގަޑިއިރު މަސައްކަތް ކުރާ، ސެލްފް ސާވިސް އޭޓީއެމްއެއްގެ އިތުރުން، އެކައުންޓް ހުޅުވުމާއި ލޯނާއި ކްރެޑިޓް އަދި ޑެބިޓް ކާޑުގެ ޚިދުމަތް ވެސް ލިބޭނެއެވެ. ބީއެމްއެލްއިން ބުނީ ރަސްމީ ގަޑީގައި ކަސްޓަމަރުންނަށް ޚިދުމަތް ދޭނެ، ބީއެމްއެލްގެ ސްޓާފުންވެސް އެތަނުގައި ތިބޭނެ ކަމަށެވެ.

ހޮޅުދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ، އަލަށް ހުޅުވި ބްރާންޗާ އެކު ހޮޅުދޫގެ ރައްޔިތުންނާއި ވިޔަފާރިތަކާއި އިގްތިސާދަށް ބީއެމްއެލްގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ދެވޭކަމަށްޓަކައި އުފާކުރައްވާ ކަމަށެވެ.

އެންޑްރޫ ވިދާޅުވީ، ހޮޅުދޫގައި ހުޅުވި ބްރާންޗަކީ، ބީއެމްއެލްއިން ރާއްޖޭގައި ހިންގަމުން ގެންދާ އިންވެސްޓްމެންޓް ޕްރޮގްރާމުގެ ދަށުން ހުޅުވި ގޮތްޕެއް ކަމަށެވެ. އެގޮތުން، މި ޕްރޮގްރާމް އެއްކޮށް ނިމޭ އިރު އަތޮޅުތެރޭގައި ބީއެމްއެލްގެ އިންވެސްޓްމެންޓް ދެގުނައަށް އިތުރުވެ، 150 އާ ވަޒީފާ އުފެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ 20 އަތޮޅުގައި ޖުމްލަ 31 ގޮފި ހިންގާ އިރު، ރާއްޖޭގައި އެ ބޭންކުގެ 78 އޭޓީއެމްވެސް ހުރެއެވެ.