އެހެން އަހަރުތަކާ ހިލާފަށް ހދ. ހަނިމާދޫ ބަނދަރުގެ ދެކުނު ފަރާތް ގިރުން ހަލުއި ވެފައިވާ ކަމަށާއި އެކަމުގެ ކަންބޮޑުވުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑުވެފައިވާ ކަމަށް ހަނިމާދޫ ކައުންސިލުން ބުނެފިއެވެ.

ހަނިމާދޫ ކައުންސިލުގެ ނައިބު ރައީސް އަބްދުއްސައްތާރު ވިދާޅުވީ، އެރަށު ބަނދަރުގެ ދެކުނު ފަރާތަކީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު އަދި ޑިސެމްބަރު މަހު ކުރިމަތިވާ ހުޅަނގު މޫސުމުގައި ގިރަމުންދާ ސަރަހައްދެއް ކަމަށެވެ.

އެގޮތުން ވޭތުވެދިޔަ ތަނުގައި އަހަރަކު ގާތްގަނޑަކަށް 10 ފޫޓު ނުވަތަ 15 ފޫޓާ ގިރާ ކަމަށް ކައުންސިލުން ބުނެއެވެ.

އަބްދުއްސައްތާރު ވިދާޅުވީ، އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ގިރާ ސަރަހައްދުގެ ގިރުން އިތުރުވެފައިވާއިރު އެކަމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ގިނަ ރުއްގަސްތައް ވެސް ވެއްޓިފައިވާ ކަމަށެވެ.

އޭގެ އިތުރުން ހިތްފަސޭހަ ކޮށްލުމަށް އެ ސަރަހައްދުގައި ހަދާފައި ހުރި އަށިތަކާއި އެ ސަރަހައްދުގެ އެއްގަމަށް އެހެލާފައިހުރި އޮޑިދޯނިފަހަރުގެ އިތުރުން ރައްޔިތުން ދިރިއުޅޭ ގެތަކަށް ވެސް އޭގެ އަސަރުކުރުން ގާތް ކަމަށް ވެސް ކައުންސިލުގެ ނައިބު ރައީސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމައްސަަލައަށް ހައްލެއް ގެނައުމަށް އަމިއްލަ ގޮތުން މަސައްކަތްތަކެއް އަދި ކުރަން ނުފަށާ ކަމަށާއި މައްސަލަ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އާ ހިއްސާކޮށްފައިވާ ކަމަށެވެ.