ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 740 ފުޅި ރަލާއެކު ހަތް މީހަކު ހައްޔަރުކޮށްފިއެވެ.

ހުޅުމާލެއިން މާލެއަށް ބަނގުރާ ގެންނަކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ތިން ދިވެއްސަކާއި ހަތަރު ބަނގުލަދޭޝްގެ ރައްޔިތެކެވެ.

ފުލުހުން ބުނީ، ހައްޔަރުކުރި މީހުންގެ ތެރެއިން ތިން ދިވެހިންނާއި ބަނގުލަދޭޝް މީހާ ހައްޔަރުކުރީ އިއްޔެ ބޭންކު އޮފް ސިލޯން ކުރިމަތީ ޖެޓީއަށް ކައިރިކުރި ލޯންޗަކުން ކަމަށެވެ. އަދި އެ ލޯންޗު ބަލައިފާސްކުރިއިރު އެ ލޯންޗު ތެރެއިން 84 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އޭގެ އިތުރުން އެ މައްސަލައާ ގުޅުންހުރި ދޯންޏެއް ކ. ދިއްފުއްޓަށް ގޮސްފައިވާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ 8:40 ހާއިރު އެރަށު ބަނދަރުގައި އޮތް ސަފާރީއެއް ބަލައި ފާސްކުރިއިރު، އެ ސަފާރީގެ ތެރެއިން 280 ދަޅު ބިޔަރާއި 376 ފުޅި ބަނގުރާ ފުލުހުން ވަނީ އަތުލައިގަނެފައެވެ.

އެ ސަފާރީން ތިން މީހަކު ހައްޔަރުކުރި އިރު އެ އެންމެންނަކީ ވެސް ބަނގުލަދޭޝް މީހުން ކަމަށް ފުލުހުން ބުނެއެވެ.