15 Dec 2016, 16:00
އަމިއްލަ ފަރުދުން ކުރާ ވިޔަފާރި ނުވަތަ ސޯލް ޕްރޮޕްރެއިޓާޝިޕް އެއް ދުވަސް ތެރޭގައި ރެޖިސްޓާކޮށް، ސެޓްފިކޭޓް ދޫކުރުމުގެ ޚިދުމަތް އައްޑޫ ސިޓީގައި ފަށައިފި އެވެ.
މީގެ ކުރިން އައްޑޫ ސިޓީގައި އަމިއްލަ ވިޔަފާރި ނުވަތަ ސޯލް ޕްރޮޕްރެއިޓާޝިޕް ރެޖިސްޓްރޭޝަންގެ ކަންކަން ކުރިޔަށް ގެންދިޔައީ އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުންނެވެ. އެހެން ނަމަވެސް، މިއަދުން ފެށިގެން އެކަންކަން ކުރާނީ ސީދާ އިކޮނޮމިކް މިނިސްޓްރީންނެވެ.
އިކޮނޮމިކް މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އިބްރާހިމް ޔޫސުފް "ސަން" އަށް މިއަދު ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީގެ އޮފީހެއް އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ކަމަށާއި ސިޓީ ކައުންސިލް މެދުވެރިކޮށް ދެމުން އައި އިކޮނޮމިކް މިނިސްޓްރީގެ ޚިދުމަތްތައް ދެން ދޭނީ އައްޑޫގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ އޮފީހުން ކަމަށެވެ.
ްިއިބްރާހިމް ވިދާޅުވި ގޮތުގައި، ވިޔަފާރި ރެޖިސްޓްރޭޝަންގެ ކަންކަން އައްޑޫ ސިޓީގައި މީގެ ކުރިން ކުރީ ސިޓީ ކައުންސިލް މެދުވެރިކޮށް ކަމުން، ސިޓީ ކައުންސިލުން ލިޔެކިޔުންތައް ބަލައިގަނެ، އިކޮނޮމިކް މިނިސްޓްރީއަށް އެތަކެތި ފޮނުވުން ފަދަ ކަންކަން ކުރުމަށް ގިނަ ދުވަސް ނަގަ އެވެ.
"ކުރިން ބިޒްނަސް ރެޖިސްޓްރޭޝަންގެ ކަންކަން ކައުންސިލުން ކުރީ. ވަރަށް ދުވަސް ނަގާ ކަމެއް އެއީ. މިނިސްޓްރީއާ އެކު ލިޔެކިޔުންތައް ބަދަލުކޮށް ހެދުމަށް. މިހާރު ކައުންސިލުންދޭ އެ ޚިދުމަތްތައް ދޭނީ މިނިސްޓްރީގެ އައްޑޫ އޮފީހުން މިއީ މިއަދު އަލަށް ފެށި ޚިދުމަތެއް އައްޑޫގައި. މިހާރު އެ ދުވަހު ލާ އެޕްލިކޭޝަނެއް އެދުވަހުގެ ތެރޭގައި ޕްރޮސެސްކޮށް ނިމި، ރެޖިސްޓްރޭޝަން ސެޓްފިކޭޓް ދޫކުރެވޭނެ،" އިބްރާހިމް ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ އައްޑޫ ސިޓީގެ އޮފީސް ހުންނާނީ އައްޑޫ ސިޓީގެ ހިތަދޫ ބޮޑުމަގުގައި، ފެނަކަ ކޯޕަރޭޝަންގެ އޮފީހާ ޖެހިގެންނެވެ. އެ އޮފީހުގައި، އިކޮނޮމިކް މިނިސްޓްރީގެ އިތުރުން، މިނިސްޓްރީގެ ދަށުން ހިންގާ ޓްރާންސްޕޯޓު އޮތޯރިޓީއާއި މިނިސްޓްރީގެ އެންޓަޕްރައިސް ޑިވެލޮޕްމެންޓް (އީޑީ)ގެ ދަށުން ރާއްޖޭގައި ހިންގާ ބިޒްނަސް ސެންޓާތަކުގެ ތެރެއިން ހިތަދޫގައި ގާއިމުކުރާ ބިޒްނަސް ސެންޓަރު ވެސް ހުންނާނެ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ އައްޑޫ ސިޓީ އޮފީސް ވަރަށް އަވަހަށް ރަސްމީކޮށް ހުޅުވަން ވަނީ ހަމަޖެހިފަ އެވެ.
އައްޑޫ ސިޓީގައި އެއް ދުވަސް ތެރޭގައި ވިޔަފާރި ރެޖިސްޓްރޭޝަންގެ ކަންކަމާއި ސެޓްފިކޭޓް ދޫކުރުމުގެ ކަންކަން ހަމަޖެހިގެން ދިއުމަކީ، އައްޑޫ ސިޓީގައި ވިޔަފާރި އިތުރަށް ކުރިއަރައި، އެ ސިޓީގެ ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ.