ރޮމޭނިއާއިން ރާއްޖެއަށް ކަނޑައަޅުއްވާ ސަފީރެއްގެ ގޮތުގައި އާ ބޭފުޅަކު ހަމަޖައްސަވައިފި އެވެ.

ރޮމޭނިއާގެ ރައީސްގެ އޮފީހުގެ ބަޔާނެއް ބުނާ ގޮތުގައި، ރޮމޭނިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ އާ ސަފީރަކީ ރާދު އޮކްޓާވިއަން ދޮބްރޭއެވެ. ރޮމޭނިއާއިން ރާއްޖެއަށް ދޮބްރެ، ސަފީރުގެ ގޮތުގައި ކަނޑައެޅި ރިޔާސީ ގަރާރުގައި ރޮމޭނިއާގެ ރައީސް ކްލައުސް ޖޮހާނިސް ސޮއިކުރެއްވީ މިދިޔަ ހުކުރު ދުވަހުއެވެ.

ރާއްޖެއަށް ރޮމޭނިއާއިން ކަނޑައެޅި އާ ސަފީރަކީ، އިންޑިއާގައި ހުންނަވާ ރޮމޭނިއާގެ ސަފީރެވެ. އޭނާ އިންޑިއާގެ ސަފީރުކަމާ ހަވާލުވެވަޑައިގަތީ މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

ރާއްޖޭގެ އިތުރުން، ރޮމޭނިއާގެ ރައީސް ވަނީ ދޮބްރޭ، ބަންގްލަދޭޝްގެ ސަފީރުކަމަށް ވެސް އައްޔަނު ކުރައްވައިފަ އެވެ. ސަފީރު ދޮބްރޭ ދިރިއުޅުއްވައި، މަސައްކަތް ކުރައްވާނީ ނިއުދިއްލީގައި ހުންނަ ރޮމޭނިއާ އެމްބަސީއިންނެވެ. އެހެން ނަމަވެސް ބަންގްލަދޭޝްއާއި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގެ މަސްއޫލިއްޔަތުތައް ވެސް އޭނާ އަދާކުރައްވަމުން ގެންދަވާނެ އެވެ.