މި މަހު އިންޑިއާގައި ބާއްވާ ސާފު ވިމެންސްް ޗެމްޕިއަންޝިޕް ފުޓްބޯޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ތަމްރީން ދަތުރެއްގައި ގައުމީ އަންހެން ފުޓްބޯޅަ ޓީމު އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އަށް ފުރައިފި އެވެ.

މިއަދު ހެނދުނު ފުރި ގައުމީ ޓީމުގައި ހިމެނެނީ 20 ކުޅުންތެރިންނާއި ހަތަރު އޮފިޝަލުންނެވެ. އޭގެ އިތުރުން އެފްއޭއެމްގެ ނައިބު ރައީސް އައިޝަތު ނާޒިމާ ވެސް ދަތުރުގައި ބައިވެރިވެވަޑައިގަތެވެ.

ތަމްރީން ދަތުރަށްފަހު ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމު އެނބުރި މާލެ އައުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 22 ވަނަ ދުވަހު އެވެ. އަދި ޔޫއޭއީ އިން އެނބުރި އައުމަށްފަހު، ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް އިންޑިއާ އަށް ފުރުމަށް ހަމަޖެހިފައިވެ އެވެ.

މި މަހުގެ 26 އިން ފެށިގެން އަންނަ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ 'ގްރޫޕް އޭ'ގައެވެ. ރާއްޖެއާއެކު ދެން އެ ގްރޫޕްގައި ހިމެނެނީ ނޭޕާލާއި، ސްރީ ލަންކާ އަދި ބޫޓާން އެވެ. 'ގްރޫޕް ބީ'ގައި ހިމެނެނީ އިންޑިއާ އާއި، ބަންގްލަދޭޝް އަދި އަފްޣާނިސްތާނެވެ.

ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 26 ވަނަ ދުވަހު ނުކުންނަން ޖެހޭނީ ލަންކާއާ ދެކޮޅަށެވެ. މި މަހުގެ 28 ވަނަ ދުވަހު ނޭޕާލްއާ ދެކޮޅަށް ރާއްޖެ ނުކުންނަ އިރު، ގްރޫޕްގެ ފަހު މެޗުގައި މި މަހުގެ 30 ވަނަ ދުވަހު ރާއްޖެ ނުކުންނަން ޖެހޭނީ ބޫޓާންއާ ދެކޮޅަށެވެ.