19 Jun 2011, 12:35
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމް ކޮށްގެން މިހާރު މާލޭގައި ކުރިއަށް ގެންދާ 45 ވަނަ ކްރިކެޓް މުބާރާތުގެ ފައިނަލަށް މާލޭ ސްޕޯޓްސް ކުލަބް ދަތުރުކޮށްފި އެވެ.
މިމުބާރާތުގެ ފައިނަލަށް މާލޭ ސްޕޯޓްސް ދަތުރު ކުރީ އިއްޔެ ހަވީރު ކުޅުނު ތިން ވަނަ މެޗްގައި އެމްއެސް ހެލްޕިންގް ހެންޑާ ވާދަކޮށް މެޗް އެއް ވަރުވުންނެވެ.
ކުޅިވަރު އެކުއެނީގެ އެއްނަންބަރު ދަނޑުގައި އިއްޔެ ކުޅުނު އެ މެޗަށް ބަލާއިރު، މާލޭ ސްޕޯޓްސް ފުރަތަމަ އިނިންގްސް ހުރިހާ ކުޅުންތެރިން ނުބައިވެގެން 118 ލަނޑު ހެދި އެވެ. އެގޮތުން އެ މެޗްގައި މާލޭ ސްޕޯޓްސް އިން އެންމެ ގިނަ ލަނޑު ހެދީ 32 ލަނޑު ހެދި އަބްދުﷲ ޝާހިދާއި މަހުމޫދު ރިއާޒެވެ. އަދި ފުރަތަމަ ބުރުގައި އެމް އެސް ސްޕޯޓްސް ކުޅެންއަރައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ޖުމްލަ 185 ލަނޑު ހެދިއިރު، އެމް އެސް އަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދިނީ 26 ލަނޑު ހެދި ޖިލްވާޒް ރަޝީދެވެ.
މީގެއިތުރުން އިއްޔެ ކުޅުނު ދެވަނަ އިނިންގްސްގައި މާލޭ ސްޕޯޓްސް ކުޅެންއަރައި ހަތް ކުޅުންތެރިން ނުބައިވެގެން 455 ލަނޑު ހެދިއިރު، މިއިނިންގްސްގައި 3 ކުޅުންތެރިން 100 ލަނޑު ހެދިއެވެ. އެގޮތުން އެތިން ކުޅުންތެރިންނަކީ 140 ލަނޑު ހެދި އިޝާނާއި 122 ލަނޑު ހެދި ހަސަން ހާޒިގު އަދި 120 ލަނޑު ހެދި އަބްދުﷲ ޝާހިދެވެ. އަދި ދެވަނަ އިނިންގްސްގައި އެންމެ ރަނގަޅަށް އުކީ ދެ ވިކެޓް ނެގި މުޙައްމަދު އަކްރަމެވެ.
މިމުބާރާތުގެ ފައިނަލް މެޗްގައި މާލޭ ސްޕޯޓްސް އާ ދެކޮޅަށް ނިކުންނަ އަނެއް ޓީމަކީ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދި ހިންނަވަރު ހިރިޔާ ޓީމެވެ. އެގޮތުން މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 23 އިން 25 އަށް ކުޅިވަރު އެކުއެނީ އެންނަންބަރު ދަނޑުގަ އެވެ.