15 Dec 2016, 13:54
މަހާރަސްތްރާ (ޑިސެމްބަރު 15) -- އިންޑިއާގެ މަހާރަސްތްރާ ސްޓޭޓްގެ ވިޔަފާރިވެރިޔަކު އޭނާގެ އަންހެން ދަރިފުޅުގެ ކާވެނީގެ ހަދިޔާއެއްގެ ގޮތުގައި 90 ފަގީރު އާއިލާ އަކަށް ބޯހިޔާވެހިކަން ފޯރުކޮށްދީފި އެވެ.
އެންޑީޓީވީ އިން މިއަދު ބުނީ ލަސަރު ޓައުންގައި ދިރިއުޅޭ އަޖޭ މުނުޓް އޭނާގެ ދަރިފުޅުގެ ކާވެނީގެ ހަދިޔާއެއްގެ ގޮތުގައި ފަގީރުންނަށް ހަދިޔާ ކުރި 90 ގެ އަށް 15 މިލިއަން ރުޕީސް ހަރަދުވާ ކަމަށެވެ.
އަޖޭއަކީ ފޮއްޗާއި ވީޓް ހޯލް ސޭލް ކުރާ ވިޔަފާރިވެރިއެކެވެ. އޭނާ އެ ގެތައް ބިނާ ކުރީ ދެ އޭކަރުގެ ބިމުގަ އެވެ.
އަޖޭގެ އާއިލާ އިން އެ ގެތައް ދޭނެ މީހުން ކަނޑައެޅީ ތިން މިންގަނޑަކަށް ބަލައިގެންނެވެ. އެއީ އެކަނިވެރި ދިރިއުޅުމެއް ހޭދަ ކުރާ އެކަނިވެރި ފަގީރުންނާއި ސްލަމްގައި ދިރިއުޅޭ ފަރާތްތަކަށާއި އަދި އެއްވެސް ކަހަލަ އެޑިކްޝަނެއްގައި ނޫޅޭ މީހުންނަށް އިސްކަންދީގެންނެވެ.
އަޖޭގެ ދަރިފުޅާއި އޭނާގެ ފިރިމީހާ ވަނީ އަޖޭގެ އެ ނިންމުން އުފަލާ އެކު ބަލައިގަނެފަ އެވެ.
މިހާތަނަށް 40 އާއިލާއަކުން ވަނީ އެ ގެތަކަށް ބަދަލުވެފަ އެވެ.