ޗައިނާގެ އާއިލާތަކުގެ މެދުގައި އެންމެ މަގުބޫލު ޖަޒީރާ މަންޒިލުގެ އެވޯޑު ދިވެހިރާއްޖެއަށް ލިބިއްޖެ އެވެ.

ގްލޯބަލް ޓްރެވެލަރއާއި ގްލޯބަލް ޓައިމްސް ގުޅިގެން ބާއްވާ ޗައިނީޒް ފެމިލީޒް ފޭވަރިޓް އައުޓްބައުންޑް ޓްރެވަލް ޗޮއިސެސް އެވޯޑްސް، ނުވަތަ ޗައިނާގެ އާއިލާތަކުގެ މެދުގައި އެންމެ މަގުބޫލު، ބޭރުގެ މަންޒިލުތަކުގެ އެވޯޑު ދިނުމުގެ އަށް ވަނަ ހަފްލާ އަންގާރަ ދުވަހުގެ ރޭ ވަނީ ބާއްވައިފަ އެވެ. އެ ހަފްލާ ބޭއްވީ ޗައިނާގެ ބެއިޖިންގްގެ ރިޓްޒް ކާލްޓަން ހޮޓެލްގަ އެވެ.

މި ހަފްލާގައި، ރާއްޖެއަށް ލިބުނު އެވޯޑާ ހަވާލުވެލެއްވީ، ޗައިނާގައި ހުންނަ ރާއްޖޭގެ ޕީއާރު މަންދޫބެވެ.

ގްލޯބަލް ޓްރެވެލާ މެގެޒިންއަކީ، ޗައިނާއިން ބޭރުގެ މަންޒިލުތަކާ ބެހޭ މައުލޫމާތު ހިމެނޭ، ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ހަފްތާ މަޖައްލާއެކެވެ. އެ މަޖައްލާ 2008 ވަނަ އަހަރުން ފެށިގެން ޗާޕު ކުރަމުން އަންނަ އިރު، ކޮންމެ ހަފްތާއަކު ބެއިޖިންގްގައި އެކަނި ވެސް 350،000 އަށް ވުރެ ގިނަ މަޖައްލާ ސާކިއުލޭޓު ކުރެ އެވެ.

މީގެ އިތުރުން ޗައިނާއަށް އޮޕަރޭޓުކުރާ ބޮޑެތި އެއާލައިންތަކަށް ވެސް ގްލޯބަލް ޓްރެވެލާ މެގެޒިން ބަހަ އެވެ.

ޗައިނާގެ އައުޓްބައުންޑް މާކެޓަށް އަމާޒުކޮށް ނެރޭ މި މެގެޒިން، ޗައިނާގެ ޑޮމެސްޓިކު އަދި ބައިނަލްއަގުވާމީ 16 އެއާލައިނަކަށް ހަފްތާއަކު 200،000 އަށް ވުރެ ގިނަ މަޖައްލާ ސާކިއުލޭޓު ކުރެ އެވެ.

ޗައިނާއަކީ ރާއްޖޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ މާކެޓެވެ. ޗައިނާ އާއި ރާއްޖެއާ ދެމެދު ވައިގެ މަގުން ހަފްތާއަކު، ގިނަ އެއާލައިންތަކަކުން އެތައް ދަތުރެއް ކުރާ އިރު، މިއަހަރުގެ ޖެނުއަރީން ފެށިގެން އޮކްޓޫބަރުގެ ނިޔަލަށް ޗައިނާގެ ދެލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި އެވެ.