ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މާލޭގެ ސަރަހައްދުތަކުގައި ބެހެއްޓުމަށް 20 ޑަސްބިން އެންވަޔަރަންމަންޓު މިނިސްޓްރީއަށް ހަދިޔާ ކޮށްފި އެވެ.

އެސްޓީއޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޑަސްބިންތައް މިނިސްޓްރީއާ ހަވާލުކޮށްދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަހީރެވެ. އެ ޑަސްބިންތަކާ މިނިސްޓްރީގެ ފަރާތުން ހަވާލުވެ ލެއްވީ މިނިސްޓަރު ތާރިގު އިބްރާހީމެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ތާރިގު ދެއްކެވި ވާހަކަފުޅުގައި އެސްޓީއޯއިން މިއަދު ދެއްކި ނަމޫނާ އެހެން ކުންފުނިތަކުންވެސް ބަލައިގަނެ، ރާއްޖެ ސާފުކަންމަތީ ބޭއްވުމަށް އެހެން ކުންފުނިތަކުންވެސް މަސައްކަތް ކުރުމަށް ގޮވާލެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ މީގެ ކުރިންވެސް އެސްޓީއޯއިން ރާއްޖެއަކީ ސާފު ރާއްޖެ އަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން އެސްޓީއޯގައި ބޭނުން ކުރާ ކޮތަޅަކީ، ތިމަވެއްޓާ ރައްޓެހި ކޮތަޅުކަމަށް ވިދާޅުވި އެވެ.

"ސާފު ރާއްޖެއަކަށް ހެދުމަށް އެސްޓީއޯއިން ވަރަށް ބޮޑެތި މަސައްކަތް ތަކެއް ކޮށްދެއްވާފައިވޭ. އެގޮތުން ފާހަގަކޮށްލަން ބޭނުންވޭ އެސްޓީއޯގެ ހުރިހާ އައުޓްލެޓަކުން ބޭނުން ކުރާ ކޮތަޅަކީ ރީސައިކްބަލް ނޫނީ ބަޔޯޑީގްރޭޑެބަލް ކޮތަޅަށް ހައްދަވާފަ މިއޮތީ އެސްޓީއޯއިން،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަހީރު ވިދާޅުވީ އެ ޑަސްބިންތަކަކީ ސަރުކާރުން ފަށާފައިވާ "ސާފު ރާއްޖެ" ކެމްޕެއިނަށް އެހީތެރިވުމުގެ ގޮތުން މާލޭގައި ބެހެއްޓުމަށް ހަދިޔާކުރި ޑަސްބިން ތަކެއް ކަމަށެވެ. އަދި އެ ޑަސްބިން ތަކަކީ މިހާރަށްވުރެ ރަނގަޅަށް ކުނި މެނޭޖްކޮށް ރީސައިކަލް ކުރުމަށް އެހީތެރިވުމަށް ކަސްޓަމައިޒް ކުރެވިގެން ޑިޒައިން ކޮށްފައިވާ ޑަސްބިންތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްޓީއޯއިން ޑަސްބިން ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަހީރު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހަމަދު އަފްރާހް

މިއަދު 20 ޑަސްބިން ހަދިޔާކޮށްފައިވާއިރު، ނުކުންނަ ނަތީީޖާއަށް ބެލުމަށްފަހު އިތުރަށް ޑަސްބިން ހަދިޔާ ކުރާނެ ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ.

ވަކަރުން ތައްޔާރުކޮށްފައިވާ އެ ޑަސްބިނުގައި ދެ ބައި ހިމެނޭއިރު، އެއްބައި ހާއްސަކޮށްފައިވަނީ އާއްމުކޮށް އުކާލާ ކުނި އެޅުމަށެވެ. އަދި އަނެއްބައި ހާއްސަކޮށްފައިވަނީ، ރީސައިކަލް ކުރެވޭނެ ކުންޏަށެވެ. އެ ޑަސްބިންތައް ބަހައްޓާނެ ވަކި ސަރަހައްދެއް އަދި ހާމަކޮށްފަ އެއް ނުވެ އެވެ.