ހެވީ ޑިއުޓީ މެޝިނަރީ އުފައްދައި، އޭގެ ވިޔަފާރިކުރާ ޗައިނާގެ އެންމެ ބޮޑު ކުންފުނީގެ ޕްރޮޑަކްޓްތައް އެމްޓީސީސީއަށް ސަޕްލައިކުރުމުގެ އެއްބަސްވުމެއްގައި، ދެ ކުންފުނީގެ ދެމެދުގައި ސޮއިކޮށްފިއެވެ.

ޝޫޖޯ ކޮންސްޓްރަކްޝަން މެޝިނަރީ ގްރޫޕު (އެކްސްސީއެމްޖީ)އަކީ ޗައިނާގެ ސަރުކާރުގެ ކުންފުންޏެކެވެ. މިއީ ހެވީ ޑިއުޓީ މެޝިނަރީއާއި ވެހިކަލް އުފެއްދުމުގައި ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. ރާއްޖޭގައި ހަދަމުންދާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތް ކުރާ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިންގް ކޮމްޕެނީއިން ވެސް، ބްރިޖުގެ މަސައްކަތަށް ބޭނުންކުރަމުން ދަނީ އެކްސްސީއެމްޖީގެ މެޝިނަރީއެވެ.

އެމްޓީސީސީ ޓަވަރުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ޒިޔަތާއި، ޗޫޖޯ ކޮންސްޓްރަކްޝަން މެޝިނަރީ ގްރޫޕުގެ އޭޝިއާ ޕެސިފިކް ޑިޕާޓްމެންޓުގެ ސޭލްސް މެނޭޖަރު ކްރިސް ވަންގްއެވެ.

މި އެއްބަސްވުމުގެ ދަށުން، އެމްޓީސީސީގެ މަސައްކަތްތަކަށާއި، އަދި އެމްޓީސީސީ މެދުވެރިކޮށް ރާއްޖޭގެ ކުންފުނިތަކަށް ވިއްކުމަށް ވެސް އެކްސްސީއެމްޖީއިން ހެވީ މެޝިނަރީއާއި، ސްޕެއާ ޕާޓްސް ސަޕްލައި ކޮށްދޭނެއެވެ.

ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން، އެމްޓީސީސީގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ޒިޔަތު ވިދާޅުވީ މި އެއްބަސްވުމުގެ މުއްދަތަކީ އެއް އަހަރު ދުވަސް ކަމަށާއި، އެ މުއްދަތުގެ ތެރޭގައި އެކްސްސީއެމްޖީއިން އެމްޓީސީސީއަށް ހެވީ މެޝިނަރީއާއި ވެހިކަލް ސަޕްލައި ކޮށްދޭނެ ކަމަށެވެ.

ޒިޔަތު ވިދާޅުވީ ދިގު މުއްދަތަކަށް ބަހާލައިގެން މިތަކެއްޗަށް ފައިސާ ދެއްކޭނެ އިންތިޒާމުތައް ހަމަޖެހިގެން ދާނެ ކަމަށެވެ.

"މާނައަކީ، ކްރެޑިޓަށް ވެސް ދޭނެ. ނުވަތަ އަހަރުތަކަކަށް ބަހާލައިގެން ވެސް ފައިސާ ދެއްކޭނެ. އަޅުގަނޑުމެން ބޭނުންކުރާށާއި އަދި މާކެޓަށް ވެސް ތަކެތި ލިބޭނެ ގޮތަށް އެއްބަސްވެވުނީ. އޭރުން މިތަކެތި ބައްލަވައިގަންނަ ފަރާތްތަކަށްވެސް، ފަސޭހައިން ސްކީމެއްގެ ދަށުން ތަކެތި ދޫކުރެވޭނެ،" ޒިޔަތު ވިދާޅުވިއެވެ.

އެކްސްސީއެމްޖީގެ ޕޯޓްފޯލިއޯގައި 350 ވަރަކަށް ރޭންޖުގެ ހެވީ މެޝިނަރީ ގެންގުޅެއެވެ.