19 Jun 2011, 12:03
ތިމާވެށީގެ ދުވަސް ފާހަގަ ކުރަން ބ. ތުޅާދޫގައި އިއްޔެ އިންދި ގަސްތައް ބަޔަކު ރޭ ލުހެ، އުކާލައިފި އެވެ.
ތުޅާދޫ ކައުންސިލުން ބުނީ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ހެނދުނު 9:00 ޖެހިއިރު ފެށި ޕްރޮގްރާމްގައި 5 ފޫޓާއި 30 ފޫޓާ ދެމެދުގެ 200 އަށް ވުރެ ގިނަ ރުކާއި ގަސް އެ ރަށުގެ ރިވެޓްމަންޓް ސަރަހައްދުގައި އިންދާފައި ވާނެ ކަމަށެވެ. ނަމަވެސް އިއްޔެ އިންދި ރުކާއި ގަސްތަކުގެ ތެރެއިން ގިނަ އަދަދެއްގެ ގަހާއި ރުއް ރޭގެ ވަގުތެއްގައި ބަޔަކު އުފުރާލައި އެ ސަރަހައްދަށް އުކައިލާފައިވާ ކަމަށެވެ. އަދި އެ ރަށު ކައުންސިލުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާނެ ކަމަށެވެ.
ތުޅާދޫން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ ބޮޑެތި ރުކާއި ގަސްތައް ލުހެލާފައި ހުއްޓާ ފެނުނީ މިއަދު ހެނދުނު ކަމަށެވެ.
ފުލުހުން ބުނީ އެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް ރަސްމީ ކޮށް އެކަން ހުށަހަޅާފައިނުވާ ކަމަށެވެ.