ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯގެ ނައިބުގެ މަގާމަށް ދެވަނަ ބޭފުޅަކު ހަމަޖައްސައި، އެ ބޭންކުގެ އިސް މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ބުނި ގޮތުގައި، އެ ބޭންކުގެ ވިޔަފާރި ފުޅާކުރުމަށް އެކުލަވާލާފައިވާ ޕްލޭނުގައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް، ބީއެމްއެލްގެ އިސް މަގާމުތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާކަން އިއުލާން ކުރެއްވީ، މިއަދު އެ ބޭންކުގެ އިސް މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ. މި ބަދަލުތައް އިއުލާން ކުރެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓަރު އެންޑްރޫ ހީލީއެވެ.

ބީއެމްއެލްގެ ސީއީއޯ މިއަދު ހާމަކުރެއްވި، އިސް މަގާމުތަކަށް ގެންނަވާ ބަދަލުތަކަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހުއެވެ.

  1. ޑެޕިއުޓީ ސީއީއޯކަމަށް ރީޓެއިލް ބޭންކިންގްގެ ޑައިރެކްޓަރ މުހައްމަދު ޝަރީފް.

  2. ކޯޕަރޭޓު ބޭންކިންގްއާއި ރީޓެއިލް ބޭންކިންގް ޑިރެކްޓަރުންގެ މަގާމު އެއްކޮށްލައި، "ޑިރެކްޓަރ އޮފް ބިޒްނަސް"ގެ މަގާމު އުފައްދައި، އެ މަގާމަށް ބީއެމްއެލްގެ ކޯޕަރޭޓް ބޭންކިންގް ޑައިރެކްޓަރ ކުލްދީޕު ޕަލިވާލް
  3. އަލަށް އުފައްދާ "ޑައިރެކްޓަރ އޮފް ބީއެމްއެލް އިސްލާމިކް"ގެ މަގާމަށް ޒުލްކަރުނައިން ޓަމަން.

ބީއެމްއެލްގެ ޑިރެކްޓަރ އޮފް ބިޒްނަސްކަމަށް އައްޔަނުކުރާ، މިހާރުގެ ކޯޕަރޭޓް ބޭންކިންގް ޑިރެކްޓަރ ކުލްދީޕް ޕަލިވާލް -- ފޮޓޯ/ބީއެމްއެލް

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯކަމުގެ މަގާމާ 2017 ޖެނުއަރީ ދެވަނަ ދުވަހު މުހައްމަދު ޝަރީފް ހަވާލުވެވަޑައިގަތުމުން، އެ ބޭންކުގައި ދެ ޑެޕިއުޓީ ސީއީއޯއިން ތިބޭނެއެވެ. މިހާރު ހުންނެވި ޑެޕިއުޓީ ސީއީއޯއަކީ އާއިޝަތު ނޫރައްދީނެވެ.

ބީއެމްއެލް އިސްލާމިކްގެ ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރާ ޒުލްކަރުނައިން ޓަމަންއަކީ، އިސްލާމިކް ބޭންކިންގްގެ ދާއިރާގެ މާހިރެކެވެ. މެލޭޝިއާގެ ބޭފުޅެއް ކަމުގައިވާ ޒުލްކަރުނައިން ވަނީ، މެލޭޝިއާގެ ބޭންކުތަކާއި ބައެއް ކުންފުނިތަކުގެ އިސް މަގާމުތައް އަދާކުރައްވައިފައެވެ.

މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ، ބީއެމްއެލްގެ އިސް މަގާމުތަކަށް ގެނައި ބަދަލުތަކާ އެކު ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް އިތުރަށް ފުޅާވެގެން ދާނެ ކަމުގެ އިތުބާރު އެބަ އޮތް ކަމަށެވެ.