ވެސްޓް ބްރޮމްވިޗް އަލްބިއޮންގެ ވެނެޒުއޭލާ ފޯވަޑް ސޮލަމަން ރޮންޑަން، އިނގިރޭސި ޕްރިމިއާ ލީގުގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފި އެވެ.

ސްވަންސީއާ ދެކޮޅަށް ކުޅެ، 3-1 ލަނޑުން މޮޅުވި ވެސްޓް ބްރޮމް މެޗުގައި ރޮންޑޮން ހެދި ހެޓްރިކް ވަނީ ޕްރިމިއާ ލީގުގެ ރެކޯޑުތަކުގެ ތެރޭގައި ހިމެނިފަ އެވެ. ރެކޯޑުތަކުގެ ތެރޭގައި ރޮންޑަންގެ ހެޓްރިކް ހިމެނިގެންދިޔައީ، އެންމެ އަވަސް ހެޓްރިކްގެ ގޮތުގައެއް ނޫނެވެ. ރެކޯޑުތަކުގެ ތެރޭގައި އޭނާގެ ހެޓްރިކް ހިމެނުނީ އޭނާ ލަނޑުތައް ކާމިޔާބުކުރި ގޮތުންނެވެ.

ސްވަންސީއާ ދެކޮޅަށް ރޭ ކުޅުނު ޕްރިމިއާ ލީގު މެޗުގައި ރޮންޑަން ކާމިޔާބުކުރި ތިން ލަނޑު ވެސް ޖަހާފައި ވަނީ އޭނާ ބޮލުން އުފެއްދި ހަމަލާތަކުންނެވެ. ޕްރިމިއާ ލީގުގައި ރޮންޑަންގެ އިތުރުން ދެން ބޮލުން އުފެއްދި ހަމަލާތަކުން ހެޓްރިކް ފުރިހަމަކުރި ހަމައެކަނި ކުޅުންތެރިޔަކީ އެވަޓަންގެ ޑަންކަން ފާގަސަން އެވެ. އޭނާ އެ ހެޓްރިކް ފުރިހަމަކުރީ 1997 ވަނަ އަހަރު ބޮލްޓަން ވެންޑަރާސްއާ ދެކޮޅަށް ކުޅުނު މެޗެއްގަ އެވެ.

ރޭ ސްވަންސީއާ ދެކޮޅަށް ކުޅުނު މެޗުގައި 13 މިނެޓްތެރޭ ރޮންޑަން ހެޓްރިކް ފުރިހަމަކޮށްފައިވެ އެވެ. ރޮންޑަން ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައި ވަނީ މެޓީ ފިލިޕްސް ނަގައިދިން ހިލޭ ޖެހުމަކުންނެވެ. ރޮންޑަންގެ ދެ ވަނަ ލަނޑު ކްރިސް ބްރަންޓް ނަގައިދިން ހުރަހަކުން ކާމިޔާބުކުރި އިރު، ތިން ވަނަ ލަނޑު ކާމިޔާބުކޮށްފައި ވަނީ ވެސް ބްރަންޓް ނަގައިދިން ހުރަހަކުންނެވެ. އޭނާ އެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ ދެ ވަނަ ހާފުގެ ތެރޭގަ އެވެ.