އިނގިރޭސި ޕްރިމިއާ ލީގްގައި ކްރިސްޓަލް ޕެލަސްއާ އެއްވަރުވެގެން މެޗު ނިމެން ދަނިކޮށް ޒަލްޓަން އިބްރަހިމޮވިޗްގެ ގޯލުން 2-1ގެ ނަތީޖާ އަކުން މެންޗަސްޓާ ޔުނައިޓެޑް މޮޅުވެއްޖެ އެވެ.

އެ ނަތީޖާއާ އެކު އަދިވެސް ޔުނައިޓެޑް އޮތީ ހަ ވަނާގައި އެވެ. ޔުނައިޓެޑް އަށް 27 ޕޮއިންޓް ލިބޭ އިރު ފަސް ވަނާގައި އޮތް ޓޮޓެންހަމަށް ލިބެނީ 30 ޕޮއިންޓެވެ. ހަތަރު ވަނާގައި މެންޗަސްޓާ ސިޓީ އޮތީ 33 ޕޮއިންޓާ އެކު އެވެ. ރޭގެ މެޗުން ބަލިވި ޕެލަސް އޮތީ 15 ޕޮއިންޓާއި އެކު 16 ވަނައިގަ އެވެ.

ޕެލަސްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޔުނައިޓެޑަށް ލީޑް ލިބުނީ ފުރަތަމަ ހާފްގެ އިތުރުވަގުތުގައި ޕައުލް ޕޮގްބާ ކާމިޔާބުކޮށްދިން ގޯލުންނެވެ. ޕޮގްބާ އެގޯލު ކާމިޔާބްކުރީ ޕެލަސްގެ ގޯލު ކުރިމައްޗަށް ހުއާން މާޓާ ނަގައިދިން ހުރަސް އިބްރަހިމޮވިޗު މެއިން ޖައްސާލި ބޯޅަ ޕެލަސްގެ ކުޅުންތެރިއެއްގެ ފައިގަ ޖެހި ލިބުނު ގޯލުގެތެރެއަށް ފޮނުވާލައިގެންނެވެ.

ޕެލަސް އާއި ޔުނައިޓެޑް ރޭ ކުޅުނު މެޗުގައި ރޫނީ(ކ) އަދި ޕޮގްބާ --- ފޮޓޯ: އޭޕީ

ޕެލަސްއަށް ނަތީޖާ އެއްވަރުކޮށްދިން ގޯލު 66 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޖޭމްސް އެވެ. އެ ނަތީޖާގައި އޮވެ މެޗު ނިމެން ދަނިކޮށް ޔުނައިޓެޑަށް ތިން ޕޮއިންޓް ކަށަވަރުވީ 88 ވަނަ މިނެޓްގައި ޕޮގްބާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އިބްރަހިމޮވިޗް ކާމިޔާބުކޮށްދިން ގޯލުންނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ މުޅި މެޗުގައި ވެސް ރަނގަޅަށް ކުޅުނީ އޭނާގެ ޓީމުން ކަމަށާއި މެޗުން ލިބުނީ ހައްގު ތިން ޕޮއިންޓް ކަމަށެވެ.

"ޕެލަސްއިން ގޯލެއް ޖަހައި ނަތީޖާ އެއްވަރުކުރި ނަމަވެސް އެޓީމަށް ވުރެ ރަނގަޅަށް ކުޅެ ގިނަ ފުރުސަތުތަކެއް ވެސް ހޯދީ ޔުނައިޓެޑުން. މެޗުން މޮޅުވުމުގައި ފަހު 20 މިނެޓްގައި ކުޅުންތެރިން ކުރި ބުރަ މަސަތްކަތް ފާހަގަކޮށްލެވޭ،" މޮރީނިއޯ ބުންޏެވެ.

ލީގްގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ލިވަޕޫލް ވަނީ 3-0ގެ ނަތީޖާ އަކުން މިޑުލްސްބުރޯ އަތުން މޮޅުވެފަ އެވެ. މެންޗަސްޓާ ސިޓީ 2-0ގެ ނަތީޖާ އަކުން ވެޓްފޯޑް އަތުން މޮޅުވި އިރު ޓޮޓެންހަމް ވަނީ 3-0ގެ ނަތީޖާ އަކުން ހަލް ސިޓީ ބަލިކޮށްފަ އެވެ.