ގޭގެ ވެރިފަރާތުގެ ހުއްދަ ނެތި ގެއަކަށް ވަތް މީހަކު ހަތަރު މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ހއ. ހޯރަފުށީ މާނިލްގެއަށް އެގޭގެ ވެރިފަރާތުގެ ހުއްދަ ނެތި ވަތް ކަމުގެ ތުހުމަތުގައި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ދައުލަތުން އުފުލާފައި ވަނީ ހއ. ކެލާ ވިންގު، އަހުމަދު ޔާމީންގެ މައްޗަށެވެ.

އެ މައްސަލަ ނިންމައި ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައި ވަނީ ހޯރަފުށީ މާނިލްގެއަށް އެގޭގެ ވެރިފަރާތުގެ ހުއްދަ ނެތި ޔާމީން ވަތްކަން ހެކިންގެ ހެކިބަހުން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފަ އެވެ.

ޔާމީން ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ އާ ގާނޫނުލްއުގޫބާތުގެ 230 ވަނަ މާއްދާ މާއްދާގެ (ހ) އާ ހަވާލާދީ އެވެ. އެމާއްދާގައި ވާ ގޮތުން ވަނުމުގެ ހުއްދަ ނެތް ތަނަކަށް ވަނުން ނުވަތަ ވަދެ ހުރުމަކީ ކުށެކެވެ.