ޖެންޑާ މިނިސްޓްރީން 2017 ވަނަ އަހަރު ހިންގުމަށް ރާވާފައިވާ އިޖްތިމާއީ ރައްކާތެރިކަމުގެ މަސައްކަތްތައް މަދަނީ ޖަމިއްޔާތަކާ އެކު ގުޅިގެން ކުރިއަށް ގެންދިއުމަށްޓަކައި ތިންފަރާތަކާ އެކު އެމްއޯޔޫގައި ސޮއިކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީއާ އެކު އެމްއޯޔޫގައި ސޮއިކޮށްފައިވާ މަދަނީ ޖަމިއްޔާތަކަކީ ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) އާއި އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ރިޓަޔަރީޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އެވެ.

ޖެންޑާ މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ޖެންޑާ މިނިސްޓްރީ

އެ ޖަމިއްޔާތަކާ އެކު ޖެންޑާ މިނިސްޓްރީން ސޮއިކޮށްފައިވާ އެމްއޯޔޫތަކުގައި ތަފާތު ދާއިރާތަކުން މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފަ އެވެ.

އެގޮތުން ޝީ އާއެކު ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުޑަކުދިންނަށް ބޭނުންވާ ސައިކޯސޯޝަލް ސަޕޯޓް އިންޓާވެންޝަން ޕްރޮގްރާމްތައް ހިންގަން ވަނީ އެއްބަސްވެފަ އެވެ. އަދި އާކް އާއި އެކު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ތަފާތު ހަރަކާތްތައް ހިންގުމަށް މަސައްކަތްކޮށް، މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް ތަފާތު ޕްރޮގްރާމްތައް ކުރިއަށްގެންދަން ވަނީ ނިންމާފަ އެވެ.

އޭގެ އިތުރުން ރޭމް އާއެކު، އުމުރުން ދުވަސްވީ މީހުންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.

ޖެންޑާ މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ޖެންޑާ މިނިސްޓްރީ

އިޖުތިމާއީ ރައްކާތެރިކަމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި މިނިސްޓްރީގެ ޕާޓްނަރުންގެ ގޮތުގައި އެ ޖަމިއްޔާތަކުން މަސައްކަތް ކުރުމަށް އެއްބާރުލުން ދީފައި ވާތީ އެކަން ފާހަގަކޮށް ޖެންޑާ މިނިސްޓްރީން ވަނީ އެ ޖަމިއްޔާތަކަށް ޝުކުރު އަދާކޮށްފަ އެވެ.

ކުރިމަގުގައި އަމިއްލަ ޖަމިއްޔާތަކާއި ކުންފުނިތަކާއި އެނޫންވެސް ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާނެ ދާއިރާތައް އިތުރަށް ފުޅާކުރުމަށް ޖެންޑާ މިނިސްޓްރީން މަސައްކަތްކުރަން ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.