މި އަހަރުގެ ތިން ވަނަ ކުއާޓަރު ނިމުނު އިރު ދައުލަތަށް 12.5 ބިލިއަން ރުފިޔާ ލިބުނު އިރު، ކުރި ހަރަދު 13.9 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭ އިން މިއަދު ނެރުނު ކުއާޓަލީ އިކޮނޮމިކް ބްލެޓިންގައިވާ ގޮތުން މިދިޔަ އޮގަސްޓް މަސް ނިމުނު އިރު ދައުލަތަށް އާމްދަނީގެ ގޮތުގައި 642 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ފަސް ޕަސެންޓް އިތުރު އަދަދެކެވެ.

މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ތިން ވަނަ ކުއާޓަރު ނިމުނުއިރު ދައުލަތުން ކުރި ހަރަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 23.6 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޓެކްސްގެ ގޮތުގައި ދައުލަތަށް ތިން ވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ ވަނީ ތިން ޕަސެންޓް އިތުރުވެފަ އެވެ. އަދި ދައުލަތަށް ލިބުނު އާމްދަނީގެ 74 ޕަސެންޓަކީ ވެސް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އެވެ.

މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ޓެކްސް އިން ލިބުނު އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ މި އަހަރުގެ ތިން ވަނަ ކުއާޓަރުގެ ތެރޭގައި ދައުލަތުން ނަގަންފެށި ގްރީން ޓެކްސް އާއި އާއްމު ޖީއެސްޓީން ލިބުނު އާމްދަނީ އިތުރުވުމެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ތިން ވަނަ ކުއާޓަރު ނިމުނު އިރު، ލަފާކުރި އާމްދަނީގެ 53 ޕަސެންޓް ލިބުނު އިރު ހަރަދުކުރަން ކަނޑައެޅި މިންވަރުގެ 58 ޕަސެންޓް ވަނީ ހަރަދުކޮށްފަ އެވެ.

އެމްއެމްއޭ އިން ނެރުނު ކުއާޓަލީ ބްލެޓިންގައިވާ ގޮތުން ދައުލަތުން ކުރި ހަރަދު އިތުރުވި މައިގަނޑު ސަބަބަކީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމަށް ކުރި ހޭދަ އިތުރުވުމުންނެވެ. އޭގެ ތެރެއިން ބޮޑު ބައެއް ހަރަދުކޮށްފައި ވަނީ މާލެ ރީ ޑިވެލޮޕްމަންޓް ޕްރޮގްރާމަށެވެ.