15 Dec 2016, 09:21
ސަންޑާ ލޭންޑްގެ މައްޗަށް 1-0ގެ ނަތީޖާ އަކުން ކުރި ހޯދައިގެން އިނގިރޭސި ޕްރިމިއާ ލީގްގެ އެއްވަނާގައި ޗެލްސީން ހަ ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.
ރޭގެ ނަތީޖާއާ އެކު ޗެލްސީން އެއްވަނާގައި އޮތީ 40 ޕޮއިންޓާއި އެކު އެވެ. ދެވަނާގައި އޮތް ލިވަޕޫލަށް 34 ޕޮއިންޓް ލިބޭއިރު އާސެނަލް ތިން ވަނާގައި އޮތީ ފައިދާ ގޯލުގެ ތަފާތުން ލިވަޕޫލަށްވުރެން މަދުވުމުންނެވެ.
ރަށުން ބޭރުގައި ޗެލްސީން ރޭ ކުޅުނު މެޗުގައި އެޓީމްގެ ފޯވާޑްލައިންގައި ހިމެނޭ އެންމެ މުހިންމު އެއް ކުޅުންތެރިއާ ކަމުގައިވާ އެޑެން ހަޒާޑް ނުލާ ނިކުތް ނަމަވެސް އެޓީމްގެ ފަރާތުން ވަނީ ވަރުގަދަ އެޓޭކިން ގޭމެއް ފެނިގެން ގޮސްފަ އެވެ.
މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލު ފުރަތަމަ ހާފް ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ޗެލްސީއަށް ކާމިޔާބުކޮށްދިނީ ސެސް ފެބްރިގާސްއެވެ. ދެވަނަ ހާފްގައި ވެސް ޗެލްސީން ވަނީ ނަތީޖާ އިތުރަށް ފުޅާ ކުރުމަށް ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ.
ރޭގެ މެޗަށް ފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު އެންޓީނިއޯ ކޮންޓޭ ބުނީ އެޓީމަށް ލިބުނީ ހައްގު މޮޅެއް ކަމަށާއި ހަ ޕޮއިންޓެގެ ލީޑެއްގައި އޮތް ނަމަވެސް ކުރިއަށް ހުރި މެޗުތައް ފަސޭހަކޮށް ނުލާނެ ކަމަށެވެ.
"ގިނަ ގޯލުތަކެއް ޖެހުމުގެ ފުރުސަތު ލިބި އެކަން ނުކުރެވުމުން އަސްލު ހިތްހަމައެއް ނުޖެހޭ. ޗެލްސީން އެބަޖެހޭ އަކަން ރަނގަޅު ކުރަން. ލިބޭ ފުރުސަތުތަށް އެންމެ ރަނގަޅަށް ބޭނުންކޮށްގެން ނަތީޖާގެ ފަރަގު ބޮޑު ކުރަން،" ކޮންޓޭ ބުންޏެވެ.