ހަލަބް (ޑިސެމްބަރު 15) : ސޫރިޔާގައި އެންމެ ވަރުގަދައަށް ހަނގުރާމަ ހިނގަމުންދާ ރައްކަމަށްވާ ހަލަބްގައި ފައިހަރުކޮށްލައިގެންތިބި ހަނގުރާމަވެރިންނާއި އާންމުން އަމާންކަމާ އެކު އެ ރަށުން ފޭބުމުގެ ފުރުސަތު ދިނުމުގެ ގޮތުން ވަގުތީގޮތުން ޙަމަލާތައް ހުއްޓާލުމަށް އަނެއްކާ ވެސް އެއްބަސްވެއްޖެ އެވެ.

ހަމަލާތައް ހުއްޓާލުމަށް ދެވަނަ ފަހަރަށް އެއްބަސްވީ މިދިޔަ އަންގާރަ ދުވަހު ވީ އެއްބަސްވުން ތަންފީޒު ކުރެވޭގޮތް ނުވުމުންނެވެ. އެ އެއްބަސްވުން ތަންފީޒު ކުރެވޭގޮތްނުވީ ސޫރިޔާ ސިފައިންނާއި ރަޝިޔާގެ ވައިގެ ސިފައިން ކުއްލި ގޮތަކަށް ހަމަލާތައް އަލުން ފެށުމުން ކަމަށް ހުޅަނގުގެ މަދަދު ލިބޭ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުން ބުނެ އެވެ. މިއާ އެކު ހަލަބްގައި ތާށިވެފައިވާ އާންމުންގެ އެތައް ހާސް ބައެއްގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމާމެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވަނިކޮށް ސޫރިޔާގެ އިދިކޮޅު ލީޑަރުންނާއި ރަޝިޔާގެ މަސްއޫލުވެރިން އަލުން ވާހަކަ ދައްކަވައިގެން ހަމަލާތައް ހުއްޓާލުމަށް އަނެއްކާ ވެސް ވަނީ އެއްބަސްވެފަ އެވެ.

މިއެއްބަސްވުމާ އެއްގޮތަށް ހަމަލާތައް ހުއްޓާލުމަށް ފަހު، ހަލަބްގައި ތާށިވެފައިވާ އާންމުން މިއަދު އެރަށުން އަމާންކަމާ އެކު ނުކުތުމުގެ ފުރްސަތު ލިބޭނެކަމަށް ސޫރިޔާގެ އިދިކޮޅު ލީޑަރުން ވަނީ ވިދާޅުވެފަ އެވެ. ހަމަލާތައް ހުއްޓާލުމުގެ ދެވަނަ އެއްބަސްވުމަކާ ހަމައަށް މިދިޔައީ ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް އަސްކަރީ ގޮތުން އެންމެ ބޮޑަށް އެހިތެރިވާ އެއްގައުމު ކަމަށްވާ ތުރުކީ އާއި ސޫރިޔާ ސަރުކާރަށް އެންމެ ބޮޑަށް ވާގިވެރިވާ ރަޝިޔާގެ އެންމެ އިސްވެރިން ފޯނުން ކުރެއްވި މަޝްވަރާތަކަކަށްފަހުގަ އެވެ.

މިކަމަށް ޓަކައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕޫޓިންއާ ފޯނުން ވަރަށް ދިގު މަޝްވަރާތަކެއް ރޭގައި ކުރައްވާފަ އެވެ. ރަޝިޔާއާއި ސޫރިޔާގެ އިދިކޮޅު ފަރާތްތައް އެއްބަސްވި މިއެއްބަސްވުން ބިނާވެފައި ވަނީ ސޫރިޔާ ސަރުކާރު ގަދަބާރުން ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރިންނާއި އެމީހުންގެ އާއިލާތަކާ އަދި އެމީހުންނަށް ތާއީދުކުރާ ފަރާތްތައް އަމާންކަމާ އެކު ހަލަބުން ބޭރުވުމުގެ ފުރްސަތު ދިނުމުގެ މައްޗަށެވެ.

މިފުރްސަތު ދިނުމުގެ ގޮތުން އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކުގެ ކޮންޓްރޯލް އޮންނަ ހަލަބްގެ ސަރަހައްދުތަކަށް ރަޝިޔާއާއި ސޫރިޔާ ސިފައިން ދެމުން ގެންދާ ވައިގެ ހަމަލާތަކާއި އެނޫން ހަމަލާތައް ވެސް ރޭ ފަތިހު ހުއްޓުމަކަށް އައިސްފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. ނަމަވެސް ސޫރިޔާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން މިކަން ކަށަވަރު ކޮށެއް ނުދެ އެވެ.

ހަލަބްގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލައި އިދިކޮޅު ހަނގުރާމަވެރިންނާއި އެމީހުންގެ އާއިލާތަކާ އަދި އެމީހުންނަށް ތާއީދުކުރާ ފަރާތްތައް އަމާންކަމާ އެކު ހަލަބުން ބޭރުވުމުގެ ފުރްސަތު ދިނުމަށް އެދި ސޫރިޔާގެ އިދިކޮޅު ލީޑަރުން ރަޝިޔާ އަށް އިލްތިމާސް ކުރަންފެށީ ހަލްބަގެ ހަނގުރާމައިގާ އެމީހުން ބަލިވާން ފެށުމުންނެވެ. ރަޝިޔާގެ ގަދަ ފަދަ ވައިގެ ޙަމަލާތަކާ އެކު ހަލަބްގެ 80 އިންސައްތަ ވަނީ ސޫރިޔާ ސިފައިންގެ ކޮންޓްރޯލްގެ ދަށްގެނަސްފަ އެވެ. މީގެ ތެރޭގައި އިދިކޮޅު ހަނގުރާމަވެރިން ފައިހަރުކޮށްލައިގެންތިބި ހަލަބްގެ އިރުމަތީ ސަރަހައްދުތަކުގެ ބޮޑުބައެއްވެސް ހިމެނެ އެވެ.

މިއާއެކު އިދިކޮޅު ހަނގުރާމަވެރިންނަށް އޮތީ ދެގޮތެކެވެ. އެއީ ސޫރިޔާ ސިފައިންނާއި ރަޝިޔާ ސިފައިންގެ ހަމަލާތަކުގައި މަރުވެ ފަނާވެ ދިޔުމެވެ. ނޫނީ ހަލަބުން ފާބައިގެން އިދިކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލް އޮންނަ ސޫރިޔާގެ އެހެން ސަހައްދަކަށް އެނބުރި ދިޔުމެވެ. މިދެގޮތަށް ބަލާއިރު އިދިކޮޅު ހަނގުރާމަވެރިން އިޚްތިޔާރު ކުރީ ހަތިޔާރުތައް ދޫކޮށްލުމަށް ފަހު ހަލަބުން ފާބައިގެން އިދިކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލް އޮންނަ ސޫރިޔާގެ އިދްލިބް ސަރަހައްދަށް ދިޔުމަށެވެ.

ހަނގުރާމަވެރިން ފާބައިގެންދާ އިރު އެމީހުންގެ ކޮންޓްރޯލްގެ ދަށުގައިތިބި އެމީހުންގެ އާއިލާތަކާއި އަދި އެތައް ހާސް އާންމުން ވެސް އަމާންކަމާ އެކު ހަލަބުން ފޭބުމުގެ ފުރްސަތު ދިނުމަށް ވަނީ އެއްބަސްވެފަ އެވެ. ހަލަބުން ބޭރުވާ އާންމުން ގެންދިޔުމަށް ހަމަޖެހިފައި ވަނީ ހަނގުރާމަ ނުހިނގާ ސަރަހައްދުތަކުގައިވާ ރެފިއުޖީ ފޭލިގެތަކަށެވެ. ހަމަލާތައް ހުއްޓާލުމުގެ ދެވަނަ މިއެއްބަސްވުމާ އެއްގޮތަށް އަމަލު ކޮށްފި ނަމަ ބައްޝާރުގެ ސަރުކާރު ގަދަބާރުން ވައްޓާލަން އުޅޭ ހަނގުރާމަވެރިންނާއި އެމީހުންގެ އާއިލާތަކާއި އެމީހުންގެ ކޮންޓްރޯލްގެ ދަށުގައިތިބި ތާއީދުކުރާ އާންމުން ހަލަބުން ބޭރުވުމުން މުޅި ހަލަބް ސޫރިޔާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް އަންނާނެ އެވެ.

މިއާ އެކު ހުޅަނގުގެ މަދަދުލިބޭ އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުން ހަލަބް މިނިވަން ކުރެވުނުކަން ސޫރިޔާ ސަރުކާރުން އިޢްލާން ކުރާނެ އެވެ. އެކަމަށް ސޫރިޔާ ސަރުކާރު މިހާރު ދަނީ ތައްޔާރުވަމުންނެވެ. ހަލަބްގެ ހަނގުރާމައިގާ ރަޝިޔާ ސިފައިންނާއި ސޫރިޔާ ސިފައިން ދިން ގަދަފަދަ ޙަމަލާތަކުގައި އާންމުންގެ އެތައް ހާސްބަޔަކު މަރުވެފައިވެ އެވެ.

ނަމަވެސް މިހާގިނަ އަދަދެއްގެ ބަޔަކު މަރުވީ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުން އަންހެނުންނާއި ކުޑަކުދިން އިންސާނީ އައްޑަނައެއްގެ ގޮތުގައި ބޭނުންކުރުމުގެ ސަބަބުންކަމަށް ސޫރިޔާ ސަރުކާރުން ބުނެ އެވެ. އަދި ގަދަފަދަ ހަމަލާތައް ދޭންޖެހުނީ ހަތިޔާރު ބެހެއްޓުމަށް އިދިކޮޅު ހަނގުރާމަވެރިން ތަކުރާރުކޮށް ދެކޮޅު ހެދުމުގެ ސަބަބުންނާއި ގަފަދަފަދަ ހަމަލާތައް ދީ ހަނގުރާމަ ވެރިން ބަލިކޮށްލައިގެން މެނުވީ ހަނގުރާމަ ހުއްޓުމަކަށް ނުގެނެވޭނެތީ ކަމަށް ސޫރިޔާ ސިފައިން ބުނެ އެވެ.

ސޫރިޔާގެ ހަނގުރާމައަކީ އެމެރިކާއާއި ޔޫރަޕްގެ ބައެއް ގައުމުތަކާއި ސައޫދީ އަރަބިޔާ އާއި ގަތަރާއި ތުރުކީ އިން ސިޔާސީ ބޭނުމެއްގައި ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމަށް ޓަކައި އެގައުމުގެ އިދިކޮޅު ޖަމާއަތްތަކަށް ފައިސާގެ އެހީ ދީގެން ފެށި ހަނގުރާމައެކެވެ. ސިޔާސީ ބޭނުމެއްގައި 2011ގައި ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާލުމަށް ޓަކައި ފެށި ސޫރިޔާގެ ހަނގުރާމައަކީ ސޫރިޔާގެ އާންމު ރައްޔިތުން ނާ އެއްވެސް ގުޅުމެއްއޮތް ހަނގުރާމައެއް ނޫނެވެ. އެ ހަނގުރާމަ ފެށުމަށް މަގުފަހި ކުރުމުގެ ގޮތުން މިދެންނެވި ގައުމުތައް ކުރިންވަނީ މުޅި ސޫރިޔާގައި ފިތުނަ އުފައްދައި ހަނގުރާމައަކަށް މަގުފަހިކޮށްފަ އެވެ.

ނަމަވެސް މިހަނގުރާމައިގެ ޝިކާރައަކަށްވެގެން ދިޔައީ ކަމާގުޅުންނެތް ސޫރިޔާގެ ނިކަމެތި ރައްޔިތުންނެވެ. މިއަދު ސޫރިޔާއިން މިފެންނަނީ 2011 ގައި މިދެންނެވި ގައުމުތަކުން އެގައުމުތަކުގެ އަމިއްލަ ސިޔާސީ އެޖެންޑާތައް ތަންފީޒު ކުރުމަށްޓަކައި ސޫރިޔާގައި އުފެއްދި ފިތުނަތަކުގެ ހިތި ނަތީޖާ އެވެ. ބައްޝާރު ޑިކްޓޭޓަރަކަށް ވިނަމަވެސް އޭނާގެ ވެރިކަމުގައި ސޫރިޔާގެ ރައްޔިތުން އަމާންކަމާ އެކު ސުލްހަވެރިކަމުގައި އަމިއްލަ ގައުމުގައި އަމިއްލަ ގެދޮރުގައި ދިރިއުޅެމުން ގެންދިޔައެވެ. ހަނގުރާމައެއް ނެތެވެ. ހަމަނުޖެހުމެއް ނެތެވެ. ބައްޝާރުގެ ވެރިކަމާ ދެކޮޅަށް ތެދުވާ ބަޔަކަށް ނޫނީ އެއްވެސް ބިރުވެރިކަމެއް ނެތެވެ. ހަނގުރާމަ ފެށިއިރު ސޫރިޔާއަކީ ވަރަށް ގިނަ ދާއިރާތަކުގައި ވަރަށް ބޮޑަށް ކުރިޔަށްވެސް ގޮސްފައިވާ އަދި އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ވަރުގަދަ އަޒުމަކާ އެކު މަސައްކަތް ކުރަމުން ގެންދިޔަ ގައުމެކެވެ. އެކަން ބައްޝާރާ އިދިކޮޅު ފަރާތްތަކުން ވެސް ގަބޫލުކުރެ އެވެ.

އެމެރިކާއާއި ޔޫރަޕްގެ ބައެއް ގައުމުތަކާއި ސައޫދީ އަރަބިޔާއާއި ގަތަރާއި ތުރުކީ ން ސިޔާސީ ބޭނުމެއްގައި ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަށް ހަތިޔާރު ދީގެން ބައްޝާރު ވައްޓާލުމުގެ ހަނގުރާމަ 2011 ވަނަ އަހަރު ފެށީ މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކާއި ލީބިޔާގެ ޒަޢީމް ކާނަލް ގައްޒާފީއާއި ތޫނިސްގެ ރައީސް ޒައިނުލްއާބިދީން ބިން އަލީގެ ވެރިކަމުގެ ނިޒާމުތައް އަރަބި ރަބީއުގައި ފަސޭހައިން ވައްޓާލި ގޮތަށް ބައްޝާރުގެ ވެރިކަން ވެސް ފަސޭހަގޮތަކަށް ވައްޓާލައި މިގައުމުތަކުގެ މަދަދު ލިބޭ ފަރާތްތައް ސޫރިޔާގެ ވެރިކަމަށް ގެނައުމުގެ ސިޔާސީ މަގްސަދުގަ އެވެ.

ނަމަވެސް މިކަންވަނީ މިގައުމުތައް ރޭވިގޮތާ މުޅިން ޚިލާފަށް ދިގުލައިގެންގޮސް މުޅި ސޫރިޔާ ހަލާކުވެގެންދާ ލޭއޮހޮރުވުން ބޮޑު ހަނގުރާމައަކަށް ބަދަލުވެގެންގޮސްފަ އެވެ. މިހަނގުރާމައިގާ ސޫރިޔާގެ އެތައްް ލައްކަ ބަޔަކު މަރުވެފައިވެ އެވެ. އަތްފައި ބުރިވެ ނުކުޅެދޭ ހާލަތަށް ގޮސްފައިވާ މީހުންގެ އަދަދު ދެމިލިޔަނަށްވުރެ ގިނައެވެ. މައިންބަފައިން މަރުވެ ޔަތީމް ވެފައިވާ ކުޑަކުދިންގެ އަދަދުވެސް މިލިޔަނުން ގުނާލެވެ އެވެ. ފިރިން މަރުވެ ހާލުގައިޖެހި ހުވަފަތްވެފައިވާ އަންހެނުންގެ އަދަދު ވެސް މިލިޔަނުން ގުނާލެވެ އެވެ.

ގެދޮރު ހަލާކުވެ އަމިއްލަ ގައުމުގައި މަގުމަތިވެ ބޯ ހިޔާވަހިކަމެއްނެތް ސޫރިޔާ މީހުންގެ އަދަދުވެސް މިލިޔަނުން ގުނާލެވެ އެވެ. ގައުމުދޫކޮށް ރެފިއުޖީންގެ ގޮތުގައި ޔޫރަޕަށާއި އަވައްޓެރި ގައުމުތަކުގައި ވަރަށް ނިކަމެތި ހާލުގައި ސަލާމް ޖަހަމުންދާ ސޫރިޔާ މީހުންގެ އަދަދުވެސް މިލިޔަނުން ގުނާލެވެ އެވެ.

މީގެއިތުރުން ސޫރިޔާގެ ފަސްބައިކުޅަ ހަތަރުބައި ރައްތަކާއި އަވަށްތައްވަނީ މުޅިން ހަލާކުވެފަ އެވެ. ފެނާއި ކަރަންޓާއި މަގުތަކާއި އިމާރާތްތަކާއި ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި އެއަރޕޯޓްތައް ފަދަ އިންފްރާސްޓްރަކްޗަރ ވަނީ މުޅިން ހަލާކުވެފަ އެވެ. އާއިލާތަކުގެ ގިނަ މީހުންވަނީ މަރުވެފަ އެވެ. ގައުމުވަނީ ޓެރަރިސްޓުންގެ ހާއްޔަކަށް ބަދަލުވެފަ އެވެ. ގައުމުވަނީ 500 އަހަރު ފަހަތަށް ގޮސްފަ އެވެ.

އީރާނާއި ރަޝިޔާގެ އަސްކަރީ މަދަދާއެކު ބައްޝާރުގެ ވެރިކަން ގަދަބާރުން ވައްޓާލެވޭނެކަމުގެ ހުރިހާ އުންމީދުތަކެއް ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަށާއި އެޖަމާއަތްތަކަށް ވާގިވެރިވާ ގައުމުތަކަށް މިހާރުވަނީ ގެއްލިފަ އެވެ. ސޫރިޔާގެ ވެރިކަން ގަދަބާރުން ވައްޓާލުމަށް އެމެރިކާއާއި ޔޫރަޕްގެ ބައެއް ގައުމުތަކާއި ސައޫދީ އަރަބިޔާއާއި ގަތަރާއި ތުރުކީ ން އިދިކޮޅު ޖަމާއަތްތަކަށް ހަތިޔާރު ދީގެން މަސައްކަތް ފެށިއިރު ގަދަބާރުން ވެރިކަމުގެ ނިޒާމު ވައްޓާލި އެއްވެސް ގައުމަކަށް ހަމަޖެހުން އައިސްފައެއް ނުވެ އެވެ. އިރާގާއި ލީބިޔާއަކީ މިކަމުގެ ހެއްކެކެވެ.

އަނެއްކޮޅުން ސޫރިޔާގެ ވެރިކަން ގަދަބާރުން ވައްޓާލައި ސޫރިޔާގައި ޑިމޮކްރަސީ ގާއިމް ކުރުމަށް ފައިވިއްދާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގަތަރާއި ސައޫދީ އަކީ ޑިމޮކްރަސީއާއި ގުޑް ގަވަރނެންސްގެ ކަންފުޅެއްވެސް ނެތް ގައުމުތަކެވެ.

(ނޫސްއެޖެންސީތައް)