19 Jun 2011, 11:41
ގދ. ތިނަދޫގައި ބަނގުރާ ކައްކަމުން ދިޔަ އިންޑިއާގެ ހަތަރު ފިރިހެނަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މިދިޔަ ބުދަ ދުވަހު ފުލުހުން އެ ރަށުގައި ހިންގަން ފެށި އޮޕަރޭޝަނެއްގައި ބުރާސްފަތި ދުވަހުގެރޭގެ ދަންވަރުގެ ވަގުތެއްގައި ތިނަދޫ ގެއެއްގެ ތެރޭ ބަނގުރާ ކައްކަމުން ދިޔަ އިންޑިއާ ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އަދި އުމުރުން 26 އަހަރާއި 38 އަހަރާއި ދެމެދުގެ އެ މީހުން ތިބި ގޭގެ ތެރެއިން ބަނގުރާ ކެއްކުމަށް ބޭނުން ކުރާ ޒާތުގެ އާލާތްތައް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ އިތުރަށް ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު ކޯޓުން ވަނީ އެމީހުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމުގެ ހުއްދަ ދީފަ އެވެ.
އެ މީހުން އެ ރަށަށް ދިޔައީ ކޮން މަސައްކަތެއް ކުރަން ކަމެއް ފުލުހުންނެއް ނުބުނެ އެވެ.
ބަނގުރާ ކައްކަން ބޭނުން ކުރާ އެއްޗެހިތަކެއް އައްޑު އަތޮޅުގެ ފަޅުރަށެއް ކަމަށްވާ މާހެރައިން ވެސް ވަނީ އިއްޔެރޭ ފުލުހުން ހޯދައިފަ އެވެ.