15 Dec 2016, 00:52
ހެނބަދޫ އެފްޓީ އާއި ޅޮހި ބޯޅަ ޓީމުން ޕޮއިންޓަކާއެކު ސިޔާމް-މައުރޫފް ސޮކާ ކަޕް ނިންމާލައިފި އެވެ.
ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ނ. ކެނދިކުޅުދޫގައި ކުރިއަށް ގެންދާ އެ މުބާރާތުގައި ބުދަ ދުވަހު ހަވީރު ހެނބަދުއާއި ޅޮހި ބައްދަލުކުރި 'ގްރޫޕް ބީ'ގެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، ހެނބަދުއާއި ޅޮހި ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ހެނބަދޫގެ މުހައްމަދު ވަހީދެވެ.
ގޯލުގެ ތަފާތުން 'ގްރޫޕް އޭ'ގެ އެއްވަނަ ހޯދައިގެން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައި ވަނީ އެންމެ ފަހުގެ ޗެމްޕިއަން ހޮޅުދޫ އެފްސީ އެވެ. 'ގްރޫޕް ބީ'ގެ އެންމެ ކުރީގައި އޮތް ހޮޅުދުއާއި މިލަދުއަށް ވެސް ކުޅުނު ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ހޮޅުދުއަށް ފައިދާ ފަސް ގޯލު ލިބިފައިވާ އިރު، މިލަދުއަށް ލިބިފައި ވަނީ ފައިދާ ތިން ގޯލެވެ. ހެނބަދުއާއި ޅޮހި ޓީމަށް ތިން މެޗުން ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.
އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ނ. އަތޮޅުގެ 13 ރަށުން ވެސް ބައިވެރިވެފައިވެ އެވެ. ފާއިތުވެދިޔަ ދެ އަހަރު އެ މުބާރާތް ކުޑަފަރީގައި ބޭއްވި ނަމަވެސް، ތިން ވަނަ ސިޔާމް-މައުރޫފް ސޮކާ ކަޕް ކުރިއަށް ދަނީ ކެނދިކުޅުދޫގައެވެ.
ސިޔާމް-މައުރޫފް ސޮކާ ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގައި ފުޓްބޯޅަ ކުރިއަރުވައި، އެ އަތޮޅުން ރަނގަޅު ފެންވަރުގެ ކުޅުންތެރިން ފުޓްބޯޅައަށް ތައާރަފް ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ. އެ މުބާރާތުގައި މާދަމާ ހަވީރު ކުޅޭ 'ގްރޫޕް ސީ'ގެ މެޗުގައި ބައްދަލުކުރާނީ ކެނދިކުޅުދޫ އެފްސީ އާއި މަނަދޫ އެފްޓީ އެވެ.
މާލޭގެ އުތުރުގައި އަދި ނ. އަތޮޅުގައި ވެސް މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ޗެމްޕިއަން ޓީމަށް މި އަހަރު 150،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި އިރު، ރަނަރަޕަށް ހުށަހަޅާފައި ވަނީ 100،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. ފެއާޕްލޭ ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، އެންމެ ފޯރިއާއެކު ސަޕޯޓްކުރާ ޓީމަށް ހުށަހަޅާފައި ވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.