14 Dec 2016, 21:05
ރާއްޖޭގެ ފަރާތުން ފަސް ގައުމަކަށް ކަނޑައަޅާފައިވާ އާ ސަފީރުންނާއި، އެމްބަސީތަކުގައި މަސައްކަތް ކުރާނެ މުވައްޒަފުންނަށް ތަމްރީނާއި އިރުޝާދު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ.
ރާއްޖޭން ފަސް ގައުމަކަށް ސަފީރުން އައްޔަނު ކުރުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެ ފަސް ބޭފުޅުންނަކީ:
ހަމްދޫން އަބްދުﷲ ހަމީދު
: ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާ ސަފީރު (ނޮން-ރެޒިޑެންޓް)- ޖަމީލާ އަލީ ޚާލިދު: ރާއްޖެއިން ޖަރުމަނަށް ކަނޑައަޅާފުރަތަމަ ސަފީރު(ރެޒިޑެންޓް).
- މުހައްމަދު ހުސައިން ޝަރީފް: ރާއްޖެއިން ޖަޕާނަށް ކަނޑައަޅާ ސަފީރު (ރެޒިޑެންޓް).
- ފާތިމަތު އިނާޔާ: ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާފުރަތަމަ ސަފީރު(ނޮން-ރެޒިޑެންޓް).
- އާއިޝަތު ޝާން ޝާކިރު: ރާއްޖެއިން ބަންގްލަދޭޝަށް ކަނޑައަޅާ ސަފީރު (ރެޒިޑެންޓް).
މަޖިލީހުން މި ބޭފުޅުންނަށް ރުހުން ދީފައި އޮތް ނަމަވެސް، މި ބޭފުޅުން މި މަގާމުތަކަށް ރަސްމީކޮށް އައްޔަނުކޮށްފައެއް ނުވެއެވެ.
މި ފަސް ބޭފުޅުންގެ އިތުރުން، އެމްބަސީތަކުގައި މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ޑިޕްލޮމެޓިކް ސްޓާފުން ވެސް މި ސެޝަނުގައި ބައިވެރިވިއެވެ.
ފޮރިން މިނިސްޓްރީގެ ދަށުން ހިންގާ ފޮރިން ސާވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސްއިން ކުރިޔަށް ގެންދިޔަ މި ސެޝަން ފައްޓައިދެއްވަމުން، ފޮރިން މިނިސްޓަރ ޑރ. މުހައްމަދު އާސިމް ވަނީ އާ ސަފީރުންނަށް މަރުހަބާ ދަންނަވައި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމުގައި އެބޭފުޅުންނަށް އޮތް އިތުބާރު ފާޅުކުރައްވައިފައެވެ.
މި ސެޝަނުގައި ސަފީރުކަމަށް އައްޔަނު ކުރެވޭ ބޭފުޅުންނާއި ޑިޕްލޮމެޓިކް ސްޓާފުންނަށް ވަނީ، ޑިޕްލޮމެޓިކް ޕްރޮޓޮކޯލާއި، ޑިޕްލޮމެޓިކް ކޮމިއުނިކޭޝަންގެ އިތުރުން ގައުމުތަކާ ދެމެދު އޮންނަ ގުޅުން ދަމަހައްޓާނެ ގޮތްތަކާއި، ބައިނަލްއަގުވާމީ ސިޔާސީ އަދި ކޮންސިއުލާ މައްސަލަތައް ދިމާވުމުން އަމަލުކުރާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައެވެ. އަދި ބަޖެޓާއި މާލީ ކަންކަން މެނޭޖުކުރުމާއި، މިނިސްޓްރީއާއި އެހެނިހެން މިޝަންތަކާ އެކު ކޯޑިނޭޓު ކުރާނެ ގޮތްތަކާ ބެހޭ މައުލޫމާތު ވެސް ވަނީ އަރުވައިފައެވެ.