ބޭ އޮފް ބެންގޯލްގައި އުފެދުނު ތޫފާން ވަރުދާ އިންޑިއާގެ ޗެންނާއީއަށް އެރި އިރު، ޗެންނާއީއިން އެއްވެސް ދިވެއްސަކު ހާލުގައި ޖެހިގެން ރިޕޯޓު ކޮށްފައި ނުވާ ކަމަށާއި، އަދި އެހީތެރިކަމަށް އެދިފައި ވެސް ނުވާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އިންޑިއާގައި ރާއްޖޭގެ ދެ މިޝަނެއް ހުރެއެވެ. އެއީ ނިއު ދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާއި، ކެރެލާގެ ތިރުވަނަންތަޕޫރަމް (ޓްރިވެންޑްރަމް)ގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ، ތޫފާން ވަރުދާއާ ގުޅިގެން، އެއްވެސް ދިވެއްސަކަށް ކަމެއް ދިމާވެގެން އެމްބަސީ ނުވަތަ ކޮންސިއުލޭޓަށް ރިޕޯޓު ނުކުރާ ކަމަށެވެ. އަދި އެއްވެސް ދިވެއްސަކަށް ދަތިކަމެއް ދިމާވި ކަމުގެ ޚަބަރެއް، އިންޑިއާގައި ހުރި ދެ މިޝަނުގެ އިތުރުން ފޮރިން މިނިސްޓްރީއަށް ވެސް ލިބިފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އެހެންކަމުން، ބެލެވެނީ ތޫފާނުގައި އެއްވެސް ދިވެއްސަކަށް ތޫފާނާ ގުޅިގެން ދަތިތަކާ ކުރިމަތިލާން ޖެހިފައި ނުވާ ކަމަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އެހެން ނަމަވެސް، ޗެންނާއީއާއި އެ ސިޓީގައި ދިރިއުޅޭ ދިވެހީންގެ ހާލަތު ވަރަށް ގާތުން މޮނީޓަރު ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ތޫފާން ވަރުދާ ޗެންނާއީއަށް އެރި ދުވަހު ޗެންނާއީ އެއާޕޯޓު ބަންދުކުރުމާ ގުޅިގެން، އެދުވަހު ޗެންނާއީއަށް ދާން އޮތް ރާއްޖޭގެ ގައުމީ އެއާލައިން ވަނީ ތިރުވަނަންތަޕޫރަމަށް ޑައިވާޓު ކޮށްފައެވެ. އަދި އެ ފްލައިޓުގައި ޗެންނާއީއަށް ދާން ފުރި މީހުންނަށް އެއްގަމު މަގުން އެ ސިޓީއަށް ދިއުމުގެ އިންތިޒާމު މޯލްޑިވިއަންއިން ހަމަޖައްސައިދިނެވެ.

މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު "ސަން" އަށް މިއަދު ވިދާޅުވީ، ޗެންނާއީއަށް ދާ ފަރާތްތަކަށް އެދުވަހު ބަހެއް ހަމަޖައްސައިދިން ކަމަށާއި، އެ ބަސް އިއްޔެ ހެނދުނުގެ ވަގުތެއްގައި ޗެންނާއީއަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް އޭގައި ދަތުރުކުރި ފަސިންޖަރުންގެ އަދަދު ސާފުވާ ގޮތް ވެފައެއް ނުވެއެވެ.

ސަތޭކަ ވިހި ކިލޯމީޓަރުގެ ބާރު މިނުގައި ޖެހެމުން ދިޔަ ވަޔާއި އެކު ތޫފާން ވަރުދާ ޗެންނާއީއަށް އަރައި، އެ ސިޓީއަށް ބައެއް ގެއްލުންތައް ލިބުނު އިރު، އިންޑިއާގެ އިރުމަތީ އައްސޭރީގައި ހުންނަ ޓަމިލް ނާޑޫއާއި އަންދްރަ ޕްރަދޭޝް އަދި ޕޮންޑިޗެރީ ޔޫނިއަން ޓެރިޓަރީއިން އެތައް ހާސް ބަޔަކުު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

ތޫފާނުގެ ބާރު މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އިންޑިއާގެ ދެކުނާއި މެދުތެރޭގެ ބައެއް ސަރަހައްދުތަކަށް އަދިވެސް ތޫފާނުގެ ވިއްސާރަ ކުރަމުން ދިޔަ ނަމަވެސް، ތޫފާނުގެ ބާރުގަދަ ވައި ވަނީ މަޑުވެފައެވެ.