ރާއްޖޭގައި އިސްލާމިކް އިންޝުއަރެންސްގެ ޚިދުމަތް ދޭ އަމާނާ ތަކާފުލްއިން، އެ ކުންފުނީގެ ހިއްސާދާރުންނަށް ފަސް ޕަސަންޓުގެ އިންޓަރިމް ޑިވިޑެންޑު ބެހުމަށް ނިންމައިފިއެވެ.

އަމާނާ ތަކާފުލްއިން ނެރުނު ބަޔާނެއްގައި ބުނީ އެކުންފުނީގެ ހިއްސާދާރުންގެ ކޮންމެ ހިއްސާއެއްގެ މޫނުމަތީ އަގުގެ ފަސް ޕަސަންޓު، އިންޓަރިމް ޑިވިޑެންޑުގެ ގޮތުގައި ބެހުމަށް ނިންމީ މިއަހަރުގެ ފުރަތަމަ 10 މަސް ދުވަހު، ކުންފުނީގެ ޕަފޯމަންސް އަދި އާމްދަނީ ރަނގަޅުވުމުން ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި 3.1 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށާއި، ރިޓާން ޕްރީމިއަމްގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު 32 ޕަސަންޓަށް އިތުރުވެފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

އަދި މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު، މިއަހަރު އެކުންފުނީގެ ވިޔަފާރި ހުރިހާ ގޮތަކުން ކުރިއަރާފައިވާ ކަމަށް އެކުންފުނިން ބުނެއެވެ. އަދި މިއަހަރުގެ ފުރަތަމަ 10 މަސް ދުވަހުގެ ތެރޭގައި، އިންޝުއަރެންސް ކްލެއިމްގެ ގޮތުގައި 25.9 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އަމާނާ ތަކާފުލްއިން ބުންޏެވެ.

އެކުންފުނިން ބުނީ، ދެވަނަ ފަހަރަށް ބަހާ އިންޓަރިމް ޑިވިޑެންޑު ބެހޭނީ، ޑިސެމްބަރު 20 ވަނަ ދުވަހުގެ ނިޔަލަށް އެކުންުފނީގެ ހިއްސާދާރުންގެ ގޮތުގައި ރެޖިސްޓަރވެފައިވާ ތިބި ފަރާތްތަކަށް ކަމަށެވެ.

އަމާނާ ތަކާފުލް މޯލްޑިވްސްއިން ވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ވެސް އިންޓަރިމް ޑިވިޑެންޑުގެ ގޮތުގައި ފަސް ޕަސަންޓު ބަހާފައެވެ.

ސްރީލަންކާގެ އަމާނާ ތަކާފުލް ޕލކއިން ރާއްޖޭގައި ކުންފުންޏެއް ހިންގަން ފެށީ 2003 ވަނަ އަހަރެވެ. އަދި އެއަށް ފަހު އެކުންފުނި ވަނީ ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށް، ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށްފައެވެ.

އަމާނާ ތަކާފުލްއަކީ އިސްލާމިކް އިންޝުއަރެންސް ނުވަތަ ތަކާފުލްގެ ޚިދުމަތް ރާއްޖޭގައި ދޭންފެށި ފުރަތަމަ ކުންފުންޏެވެ.

އަމާނާ ތަކާފުލްއިން މިއަހަރުގެ ތެރޭގައި ވަނީ، މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފަސް ޕަސަންޓު ހިއްސާ ގަނެ، އެ ބޭންކުގެ ހިއްސާދާރަކަށް ވެފައެވެ.