19 Jun 2011, 12:19
ވިލިމާލޭގެ ބޯޅަދަނޑުގެ ލައިޓްތައް ހަލާކުވެފައިވާ މައްސަލަ ސަރުކާރުގެ ސަމާލު ކަމަށް ގެންނަން އެ ރަށު ޒުވާނުންތަކެއް މަގުމަތީގައި ފުޓްބޯޅަ ކުޅެނިކޮށް ފުލުހުން މުގުރާއި ޕެޕާ ސްޕްރޭ ބޭނުންކޮށް ޒުވާނުން ކުޅުނު "ފުޓްބޯޅަ ހަޅުތާލު" ހުއްޓުވި ކަމަށް އެ ޒުވާނުން ބުނެފި އެވެ.
ރޭ 9:30 އެހާކަންހާއިރު ވިލިމާލޭ ޒުވާނުންތަކެއް އެ ރަށު ޝެއިހް އަބްދުއްރަހްމާން މަގަށް ފުޓުބޯޅަ ކުޅެން ނުކުތީ ހުކުރު ދުވަހުގެ ރޭ ވެސް ކުރި ޝަކުވާތަކާ އެކު އެ ރޭ ވެސް ކުރި "ފުޓްބޯޅަ ހަޅުތާލު" ކުރިޔަށް ގެންދިއުމަށެވެ. ޒުވާނުން މަގުމަތީގައި ބޯޅަ ކުޅެނިކޮށް ފުލުހުން އެ ސަރަހައްދަށް ގޮސް ކުޅުން ހުއްޓުވައި ޒުވާނުން އެ ސަރަހައްދުން ފޮނުވާލުމުގެ މަސައްކަތް ފެށީ، އެ މީހުން ބުނި ގޮތުގައި، ބޯޅަ ކުޅެން ފެށިތާ އިރުކޮޅެއްގެ ތެރޭގަ އެވެ.
ޒުވާނުންގެ "ފުޓްބޯޅަ ހަޅުތާލު" ހުއްޓުވަން ފުލުހުން މަސައްކަތް ކުރަން ފެށުމާ އެކު ވިލިމާލޭގެ ބައެއް އާންމުން ރޭ ވަނީ ފުލުހުންނާ ކުރިމަތިލައިފައި ކަމަށް ވެސް ޒުވާނުން ބުންޏެވެ. އަދި ވިލިމާލޭގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް ބިލްޑިން ކުރިމަތީގައި ޒުވާނުން އަޅާފައިވާ ގޯލްތައް ނަގަން ފުލުހުން މަސައްކަތް ކުރުމުން އާންމު ފަރާތްތަކާއި ފުލުހުންނާ ކުރިމަތިލައި ގޯލްތައް ނެގުމަށް ދެކޮޅުހެދިތަން ސަންގެ ނޫސްވެރިންނަށް ފެނުނެވެ.
ޒުވާނުންގެ "ފުޓްބޯޅަ ހަޅުތާލު" ރޫޅައިލުމަށް ރޭ ފުލުހުން ވަނީ ޕެޕާ ސްޕްރޭ ވެސް ބޭނުން ކޮށްފައި ކަމަށްވެ އެވެ. ސަންގެ ނޫސްވެރިން ރޭ ވިލިމާލެއަށް ދިޔައިރު ވެސް ޕެޕާ ސްޕްރޭގެ ސަބަބުން ލޮލަށް އަސަރުކޮށްފައިވާ ބައެއް ޒުވާނުން، އެ މީހުންގެ ލޮލަލަށް ޕެޕާ ސްޕްރޭ ޖެހުމުން ރަތްވެފައިވާ މަންޒަރުތައް ނޫސްވެރިންނަށް ދެއްކި އެވެ. އަދި "ފުލުހުން އަނިޔާ ކުރި" ކަމަށް ބުނެ ބައެއް ޒުވާނުން އެމީހުންގެ ހަށިގަނޑުގައި ހުރި ބައެއް ތަންތަން ވެސް ނޫސްވެރިންނަށް ދައްކާފައިވެ އެވެ.
އަދި އެ މީހުން ބުނީ ފުލުހުންގެ ކުރިމަތިލުންތަކުގައި އެ މީހުންނަށް އަނިޔާވުމުން ހޮސްޕިޓަލުން ފަރުވާ ވެސް ހޯދާފައިވާ ކަމަށެވެ.
ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ވިލިމާލޭ މަގުމެދުގައި ރޭ ބަޔަކު ފުޓްބޯޅަ ކުޅެން ފެށުމުން އެ ސަރަހައްދުގައި ދުއްވާއެއްޗެއްސަށާއި އާންމުނަށް އުނދަގޫ ވާން ފެށުމުން މަގުމަތީގައި ފުޓްބޯޅަ ނުކުޅުމަށް ފުލުހުން ނަސޭހަތްތެރިވި ކަމަށާއި ފުލުހުންގެ ނަސޭހަތް އަޑު ނާހާއި އެ ފަރާތްތަކުން ފުލުހުންނާ ކުރިމަތިލީ ކަމަށެވެ. އެ ގޮތުން އެ ސަރަހައްދުގައި ހުރި ދަގަނޑު ޖޯލިތައް ފުލުހުންނާ ދިމާލަށް އުކައި ހަމަނުޖެހުމެއް ހިންގާފައިވާ ކަމަށް ވެސް ފުލުސް އޮފިޝަލު ވިދާޅުވި އެވެ. އެ އޮފިޝަލު އަދި ވިދާޅުވީ މަގުމަތީގައި ފުޓްބޯޅަ ކުޅުނު ޒުވާނުންނަށް ފުލުހުން އަނިޔާކޮށްފައިވާ ކަމުގެ ރިޕޯޓެއް ފުލުސް އޮފީހަށް ލިބިފައި ނުވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުން މުގުރާއި ޕެޕާ ސްޕްރޭ ބޭނުން ކުރީ ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ކަމަށެވެ.
ފުލުހުން ބުނީ ރޭގެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
ފުލުހުންނާއި ވިލިމާލޭގެ ބައެއް އާންމުންނާ ދެމެދު ރޭ ހަމަނުޖެހުން ހިގަން ފެށުމުން އެކަން ހުއްޓުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވެސް ރޭ ވަނީ އެ ސަރަހައްދަށް ވަޑައިގެންފަ އެވެ. އަދި އަހަރެއް ވެގެން ދިޔައިރު ވެސް އެ އަވަށުގެ ބޯޅަދަނޑުގެ ލައިޓްތައް ރަގަނޅުކޮށްދީފައި ނުވާތީ ޒުވާނުން ކުރަމުންދާ އިހުތިޖާޖުގެ މައުލޫމާތު ޔޫތު މިނިސްޓަރު ހަސަން ލަތީފަށް އޭނާ ދެއްވެވި އެވެ.
ޔޫތު މިނިސްޓަރު ދެއްވި ޖަވާބު ކަމަށް ވިދާޅުވެ ނިހާނު ނޫސްވެރިންނާ ހިއްސާކުރި އެސްއެމްއެސް މެސެޖްގައި ބުނަނީ މިއަދުގެ ވަގުތެއްގައި ސްޓެލްކޯ އިން ސްޓޭޑިއަމްގެ ލައިޓްތައް ހެދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
ވިލިމާލޭ ޒުވާނުންގެ "ފުޓް ބޯޅަ ހަޅުތާލު"ގައި ބައިވެރިވި ޒުވާނަކު ބުނީ ބޯޅަ ދަނޑުގެ ލައިޓްތައް ރަނގަޅު ނުކޮށްދޭހާ ހިނދަކު ހަޅުތާލު ކުރިއަށް ގެންދާނެ ކަމަށެވެ.
"އަހަރެމެން ސުލްހަވެރިކަމާ އެކު މުޒާހަރާއެއްގެ ގޮތަށް މަގުމަތީގައި ފުޓްބޯޅަ ކުޅެމުންދިޔައީ. ފުލުހުން އައިސް އިންޒާރަކާ ނުލައި ޕެޕަ ސްޕްރޭ އާއި މުގުރު ބުރިން އަހަރުންނަށް އަނިޔާކުރީ. މާދަމާރޭ ވެސް )މިރޭ( ހަމަ މިތާނގައި ފުޓްބޯޅަ ކުޅޭނަން. ދަނޑުގެ ލައިޓްތައް ރަގަނޅު ކުރަންދެން މިކަން ކުރިއަށް ގެންދާނަން،" އޭނާ ބުންޏެވެ.