މެނީލާ (ޑިސެމްބަރު 14): ފިލިޕީންސުގެ ދަވާއޯގެ މޭޔަރުކަމުގައި ހުންނެވި އިރު ކުށް ކުރި ކަމުގެ ތުހުމަތު ކުރެވޭ މީހުން އަމިއްލަ އަށް މެރި ކަމަށް އެ ގައުމުގެ ރައީސް ރޮޑްރީގޯ ޑުޓާޓޭ އިއުތިރާފުވެއްޖެ އެވެ.

ވިހި އަހަރުވަންދެން ދަވާއޯގެ މޭޔަރުކަން ކުރެއްވި ޑުޓާޓޭ އެފަދައިން ވިދާޅުވީ ރަސްމީ ދަތުރުފުޅެއްގައި ގައުމުން ބޭރަށް ވަޑައިގަތުމުގެ ކުރިން ވިޔަފާރަވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

ޑުޓާޓޭ ވިދާޅުވި ގޮތުގައި އޭނާ އަށް މަރާލެވޭނެ، ކުށްވެރިން ކަމަށް ތުހުމަތު ކުރެވޭ މީހުން ހޯދުމަށް ޓަކައި އޭނާ ރޭގަނޑު ސައިކަލަކުން ދަވާއޯ ވަށާ ދުއްވަ އެވެ. އޭގެ ބޭނުމަކީ ފުލުހުންނަށް ބާރުގެ ބޭނުން ކުރުމުގެ ހުއްދަ އޮތްކަން ދެއްކުން ކަމަށް ޑުޓާޓޭ ވިދާޅުވި އެވެ.

މިދިޔަ އަހަރު އޮތް ރިޔާސީ ކެމްޕެއިން ތެރޭގައި ވެސް ޑުޓާޓޭ ވަނީ ތިން މީހެއްގެ ގަޔަށް ބަޑި ޖަހައި މަރާލި ކަމަށް ވިދާޅުވެފަ އެވެ. އެއީ މީހަކު ވަގަށް ނެގުމާއި ރޭޕް ކުރުމުގެ ތުހުމަތު ކުރެވުނު ތިން މީހުން ކަމަށް ވެސް ޑުޓާޓޭ ވިދާޅުވި އެވެ.

ނަމަވެސް މިއަދު އެވާހަކަ ދެއްކެވުމުގެ އެއް ގަޑި އިރު ކުރިން އެވޯޑް ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ޑުޓާޓޭ ވަނީ އޭނާއަކީ މީހުން މަރާ މީހެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އެ ހަފްލާގައި ޑުޓާޓޭ އަށް ވަނީ މި އަހަރުގެ "އައުޓްސްޓޭންޑިން ފިލިޕީނޯ"ގެ އެވޯޑު ދީފަ އެވެ.

މި އަހަރުގެ މޭ މަހު ވެރިކަމަށް ވަޑައިގެންނެވި ޑުޓާޓެ ފިލިޕީންސުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފެއްޓެވި ހަނގުރާމައިގައި ގާތްގަނޑަކަށް 6000 މީހަކު މިހާތަނަށް މަރުވެފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެ އެވެ. (ބީބީސީ)