14 Dec 2016, 20:10
ތެހެރާން(ޑިސެމްބަރު 14): އެމެރިކާއިން އަމިއްލަ ގޮތުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ބައެއް ފިޔަވަޅުތައް ދިހަ އަހަރަށް އިތުރުކުރުމަށް ކޮންގްރެސް އިން ނިންމި ނިންމުމަށް އީރާނުން ވަރުގަދަ ރައްދެއް ދީފިއެވެ.
ކޮންގްރެސްގެ ނިންމުމާ ގުޅިގެން އީރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ އީރާނުގެ އާގުބޯޓުތަކާއި ކަނޑުގެ ބޮޑެތި އުޅަނދުތައް ދުއްވުމަށް ޓަކައި ނިއުކްލިޔަރ ހަކަތަ ބޭނުންކުރުމަށް ނިންމައި އެކަން އިޢުލާން ކުރައްވާފައެވެ. އަދި ކަނޑުގެ އުޅަނދުތައް ނިއުކްލިޔަރ ހަކަތައިން ދުއްވުމަށް ބޭނުންކުރާނެ ޚާއްސަ ކުދި ނިއުކްލިޔަރ ރިއެކްޓަރުތަކާއި ނިއުކްލިޔަރ އިންޖީނުތައް އުފެއްދުމަށް ބޭނުންވާ ރީސާޗް ތައް ކުރުމުގެ ހުއްދަވެސް އީރާނުގެ ނިއުކްލިޔަރ ހަކަތައާބެހޭ އިދާރާއަށް، ރައީސް ހަސަން ރޫޙާނީ ވަނީ ދެއްވާފައެވެ.
ނިއުކްލިޔަރ ހަކަތައިން ކަނޑުގެ އުޅަނދުތައް ދުއްވުމަކީ ތެލުގެ ޚަރަދު އިންތިހާއަށް ކުޑަވެގެންދާނެ ކަމެކެވެ. ނަމަވެސް މިކަމަށް ބޭނުންކުރާ ބާވަތުގެ ކުދި ނިއުކްލިޔަރ ރިއެކްޓަރު އުފެއްދުމަކީ ވަރަށް މަތީފެންވަރުގެ ނިއުކްލިޔަރ ޓެކްނޮލޮޖީއެކެވެ.
އީރާނަކީ ނިއުކްލިޔަރ ފިޒިކްސްއާއި ނިއުކްލިޔަރ ހަތަ އުފެއްދުމުގެ އިންޖިނިއަރިން ޓެކްނޮލޮޖީގެ ދާއިރާގައި ވަރަށްބޮޑަށް ކުރިއަރާފައިވާ ގައުމެކެވެ. އެހެންކަމުން ކަމާބެހޭ ރީސާޗްތައް ކޮށްގެން މިބާވަތުގެ ނިއުކްލިޔަރ ކުދި ރިއެކްޓަރު ތަރައްގީ ކުރުމަކީ އީރާނަށް ކުރެވިދާނެ ކަމެއްކަމަށް ތަޖްރިބާކާރުން ދެކެއެވެ.
އީރާނާ ދާދި އެއްފެންވަރަށް ނިއުކްލިޔަރ ޓެކްނޮލޮޖީ ތަރައްގީކޮށްފައިވާ އުތުރުކޮރެޔާއިން ވެސް މިކަމަށް ރީސާޗްތައް ކުރަންފެށިތާ ހަތަރު ވަރަކަށް އަހަރު ތެރޭގައިވަނީ މިބާވަތުގެ ކުދި ނިއުކްލިޔަރ ރިއެކްޓަރުތަކާއި އިންޖީނުތައް އުފައްދަން ފަށާފައެވެ.
މަދަނީ ބޭނުންތަކަށްޓަކައި މިފަދަ ރިއެކްޓަރުތައް އުފެއްދުމުގެ ޓެކްނޮލޮޖީ ތަރައްގީ ކުރުމާއި އޭގެ ރީސާޗްތައް ކުރުމަކީ ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު މދިޔަ އަހަރު އީރާނުން ސޮއިކުރި ނިއުކްލިޔަރ އެއްބަސްވުމާ ޚިލާފު ކަމެއްނޫނެވެ. ނަމަވެސް މިއީ މަދަނީ ނިއުކްލިޔަރ ޓެކްނޮލޮޖީގައި އީރާން ވަރަށް ބޮޑަށް ކުރިއަރައިގެންދާނެ ކަމެކެވެ.
އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާދެމެދު މިދިޔަ އަހަރު ސޮއިކުރި ނިއުކްލިޔަރ އެއްބަސްވުން ބިނާކޮށްފައިވަނީ އަސްކަރީ ބޭނުންތަކަށް (ނިއުކްލިޔަރ ބޮންހެދުންފަދަ ކަންކަމަށް) ނިއުކްލިޔަރ ހަކަތަ ތަރައްގީ ކުރުން ހުއްޓާލުމުގެ މައްޗަށެވެ. މަދަނީ ބޭނުންތަކަށް ނިއުކްލިޔަރ ހަކަތަ ތަރައްގީ ކުރުން މިއެއްބަސްވުން މަނައެއް ނުކުރެއެވެ.
ނަމަވެސް މަދަނީ ބޭނުންތަކަށާއި އަސްކަރީ ބޭނުންތަކަށްވެސް ކުރާ ނިއުކްލިޔަރ ރީސާޗް ތަކަކީ ވަރަށް އެއްގޮތް ރީސާޗްތަކެއް ކަމަށްވެފައި މަދަނީ ނިއުކްލިޔަރ ޓެކްނޮލޮޖީ ތަރައްގީކޮށްފިނަމަ އަސްކަރީ ނިއުކްލިޔަރ ޓެކްނޮލޮޖީ ތަރައްގީ ކުރުމުގެ ގާބިލިއްޔަތާއި ހުނަރުވެސް ލިބިގެންދާނެތީ އީރާނުގެ މިނިންމުމަކީ އެމެރިކާ ކަންބޮޑުވާނެ ނިންމުއް ކަމަށް މުރާސިލުން ބުނެއެވެ.
އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާދެމެދު ސޮއިކުރި އެއްބަސްވުމާ ގުޅިގެން އދ. ންވަނީ ސަލާމަތީ މަޖިލިސް މެދުވެރިކޮށް ދުނިޔޭގެ ފެންވަރުގައި އީރާނާ ދެކޮޅަށް އެކިފަހަރު މަތިން އެޅި ދަތިކުރުމުގެ އެންމެހާ ފިޔަވަޅުތައް އުވާލާފައެވެ. މިއާއެކު ޔޫރަޕްގެ އިއްތިޙާދުންވެސްވަނީ ނިއުކްލިޔަރ މައްސަލައާ ގުޅިގެން އީރާނާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށްފަހު އީރާނާ އެކު އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރަން ފަށާފައެވެ.
ނަމަވެސް އެމެރިކާއިން ވަނީ އީރާނާދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭން ބައެއް ފިޔަވަޅުތައް އުވާލައި އަނެއްބައި ފިޔަވަޅުތައް ދެމެހެއްޓުމަށް ނިންމާފައެވެ. އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވާލުމަށް ދެކޮޅު ހަދަނީ އެމެރިކާ ސަރުކާރަކުން ނޫނެވެ. އެމެރިކާގެ ހަރުކަށި ވިސްނުމުގެ މީހުންގެ އަޣްލަބިއްޔަތު އޮންނަ އަދި ޔަހޫދީ ޒަޔަނިސްޓުންގެ ނުފޫޒު ހިނގާ ކޮންގްރެސް އިންނެވެ. ކޮންގްރެސްގެ ދެގޭގެވެސް އަޣްލަބިއްޔަތު އޮންނަނީ ހަރުކަށި ވިސްނުން ގެންގުޅޭ އެމެރިކާގެ ރިޕަބްލިކަން ޕާޓީއަށެވެ.
އެމެރިކާއިން އިރާގުފަދަ ގައުމުތަކަށް ނުހައްގުން އަރައިގެނެ އދ. އަށާއި ބައިނަލްއަގްވާމީ ގާނޫނުތަކަށް ގޮންޖަހައި އިރާގާއި އަފްޣާނިސްތާނުގައި އެތަށް ލައްކަ ބަޔަކު މަރާލުމުގެ ޖަރީމާތައް ހިންގާފައިވަނީވެސް ރިޕަބްލިކަން ޕާޓީގެ ވެރިކަމުގައެވެ. އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން އުވާލުމަށް ކޮންގްރެސްއިން ދެކޮޅު ހެދި ފިޔަވަޅުތަކުގެ ތެރޭގައި އިގްތިސާދީ ބައެއް ފިޔަވަޅުތަވެސް ހިމެނޭއިރު މީގެތެރޭގައި އީރާނުގެ މަރުކަޒީ ބޭންކުން ޑޮލަރުން ކުރާ މުއާމަލާތްތަކަށް ހުރަސް އެޅުންފަދަ ކަންކަން ހިމެނެއެވެ.
ނަމަވެސް އެމެރިކާއިން އީރާނާ ދެކޮޅަށް ދެމެހެއްޓި ގިނަ ފިޔަވަޅުތަކަކީ އަސްކަރީ ކަންކަމާގުޅޭ ފިޔަވަޅުތަކެވެ. އީރާނުންވަނީ މިފިޔަވަޅުތައް ދެމެހެއްޓުމަށް ކޮންގްރެސް އިން ނިންމި ނިންމުމަކީ ނިއުކްލިޔަރ އެއްބަސްވުމާ ޚިލާފު އަމަލެއް ކަމަށް ސިފަކޮށްފައެވެ. އަދި އެމެރިކާއިން ހަރުކަށިކަން ކުރިޔަށްނެރެ އީރާނާ ދިމާކުރަން އަލުން ފެށިނަމަވެސް ޔޫރަޕާއި ދުނިޔޭގެ އެހެން ގައުމުތައް އީރާނާ ގުޅުންތައް ބަދަހި ކުރަމުންގެންދާތީ އެމެރިކާގެ ފިޔަވަޅުތަކުގެ ސަބަބުން ގެއްލުން ލިބޭނީ ޚުދު އެމެރިކާގެ އިގްތިސާދަށް ކަމަށް އީރާން ބުނެއެވެ.
ރަޝިޔާއާއި ޗައިނާފަދަ ދުނިޔޭގެ އެހެން ބާރުތަކުން ކުރިޔާ ޚިލާފަށް މިހާރު ފާޅުގައި އެމެރިކާއަށް ގޮންޖަހަމުންގެންދާތީ އެމެރިކާގެ ބާރާއި ނުފޫޒު ދުނިޔޭގައި ދަނީ ކުޑަވަމުންނެވެ. މީގެއިތުރުން އެމެރިކާގައި އެންމެ ފަހުން ބޭއްވި ރިޔާސި އިންތިޚާބަށްފަހު އެމެރިކާގެ އެތެރޭގައިވެސް ބައެއް ދާޚީލީ އަރާރުންތަކާއި ނުތަނަވަސްކަން އުފެދިފައިވުމުގެ ސަބަބުން އެމެރިކާގެ ހައިބަތު ދުނިޔޭގައިވަނީ ކުރިޔާއަޅާ ބަލާއިރު ވަރަށްބޮޑަށް ދަށަށްގޮސްފައެވެ. އަދި އިގްތިސާދީގޮތުން އެމެރިކާގެ މައްޗަށް ޗައިނާވަނީ ކުރި ހޯދާފައެވެ. (ނޫސްއެޖެންސީތައް)