14 Dec 2016, 14:00
މެކްސިކޯގެ ޗިހުއާހުއާ ސިޓީގައި ނޫސްވެރިއަކަށް ހަމަލާދީ މަރާލައިފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މަރާލާފައިވަނީ ޖީސަސް އެޑްރިއާން ރޮޑްެރީގެޒް ނަމަކަށް ކިޔާ ނޫސްވެރިއެކެވެ. އޭނާ މަރާލާފައި ވަނީ އޮފީހަށް ދާންވެގެން ކާރަށް އަރަނިކޮށް ބަޔަކު އައިސް ދިން ހަމަލާއެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެގައުމުގެ ޕްރޮސެކިއުޓަރުން ބުނެފައިވާ ގޮތުގައި ރޮޑްރިހެޒް މަރާލާފައި ވަނީ އޭނާ އޭރު މަސައްކަތް ކުރަމުން ދިޔަ ސްޓޯރީގެ ސަބަބުންނެވެ.
މެކްސިކޯއަކީ ދުނިޔޭގެ ނިސްބަތުން ވެސް ނޫސްވެރިންނަށް އެންމެ ނުރައްކާތެރި އެއް ގައުމެވެ. އެގޮތުން އެ ގައުމުގެ ސަރުކާރުންނާއި، ގޭންގުތަކުގެ ފަރާތުން އެ ގައުމުގެ ނޫސްވެރިންނަށް ބޮޑެތި ނުރައްކަލާ ކުރިމަތިލާން ޖެހެއެވެ.
އިންޓާ އެމެރިކަން ޕްރެސް އެސޯސިއޭޝަން ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު ތެރޭގައި އެކަނިވެސް މެކްސިކޯގައި ޖުމްލަ 11 ނޫސްވެރިއަކަށް ހަމަލާދީ މަރާލާފައިވެ އެވެ.
މީގެ އިތުރުން، އެ ގައުމުގެ ނޭޝަނަލް ހިއުމަން ރައިޓްސް ކޮމިޝަނުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2000 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޖުމްލަ 118 ނޫސްވެރިއަކު އެގައުމުގައި މަރާލާފައިވެ އެވެ.