14 Dec 2016, 14:46
ރެޑްބުލް އާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގުޅިގެން ކުރިއަށްގެންިޔަ ރެޑްބުލް ބީޗް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިބްރާހިމް ފަލާހާއި އިބްރާހިމް އާދިލްގެ ޕެއާ އަދި އައިޝަތު ނާޒިމާ އާއި ފާތިމަތު ޝަހުމާގެ ޕެއާ ހޯދައިފި އެވެ.
ރޭ ނިމިގެންދިޔަ އެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ފަލާހު އާއި އާދިލްގެ ޕެއާ ހޯދި އިރު، ނާޒިމާ އާއި ޝަހުމާގެ ޕެއާ ހޯދާފައި ވަނީ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަމެވެ.

ރެޑްބުލް ބީޗް ވޮލީބޯޅަ މުބާރާތުގެ ތެރެއިން --- ފޮޓޯ: މުހައްމަދު އަހުސަން/ ރެޑްބުލް
ފިރިހެން ޑިވިޝަންގެ ފައިނަލުގައި ފަލާހާއި އާދިލްގެ ޕެއާ ވަނީ މުހައްމަދު އަލީ އާއި އަހްމަދު މުހައްމަދުގެ ޕެއާ އަތުން މޮޅުވެފަ އެވެ. އެ މެޗުން ފަލާހު އާއި އާދިލްގެ ޕެއާ ކުރި ހޯދީ ސީދާ ދެ ސެޓުންނެވެ. ފަލާހު އާއި އާދިލްގެ ޕެއާ ސެޓުތައް ގެންދިޔައީ 21-15 އަދި 21-18 އިންނެވެ. ފިރިހެން ޑިވިޝަންގެ ތިން ވަނަ ހޯދާފައި ވަނީ މުހައްމަދު ނިހާދު އާއި އިސްމާއިލް ޝަފީއުގެ ޕެއާ އެވެ.
އަންހެން ޑިވިޝަންގެ ފައިނަލުގައި ނާޒިމާ އާއި ޝަހުމާގެ ޕެއާ ވަނީ ޝާނިއާ އަހްމަދު ނިޒާމް އާއި އައިމިނަތު ރުދޭނާގެ ޕެއާ އަތުން މޮޅުވެފަ އެވެ. އެ މެޗުން ނާޒިމާ އާއި ޝަހުމާގެ ޕެއާ މޮޅުވީ 2-1 ސެޓުންނެވެ. މެޗުގެ ސެޓުތައް ނާޒިމާ އާއި ޝަހުމާގެ ޕެއާ ގެންދިޔައީ 21-11، 19-21 އަދި 15-10 އިންނެވެ. އަންހެން ޑިވިޝަންގެ ތިން ވަނަ ހޯދާފައި ވަނީ ހައިފާ އިމާދު އާއި ގަފޫރާ އަބްދުﷲގެ ޕެއާ އެވެ.

ރެޑްބުލް ބީޗް ވޮލީބޯޅަ މުބާރާތުގެ ތެރެއިން --- ފޮޓޯ: މުހައްމަދު އަހުސަން/ ރެޑްބުލް
ގައުމީ ޓީމުގެ ކުޅުންތެރިންނަށް ބައިވެރި ނުވެވޭ ގޮތަށް ކުރިއަށްގެންދިޔަ އެ މުބާރާތުގެ ފިރިހެން ޑިވިޝަންގައި 15 ޓީމު ވާދަކުރި އިރު، އަންހެން ޑިވިޝަނުގައި 10 ޓީމު ވާދަކުރި އެވެ.