ރިޔާދު (ޑިސެމްބަރު 14): ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މަރުވަމުންދާ މީހުންގެ އަދަދު އިތުރުވަމުން ދިޔުމުގެ ސަބަބުން އެމެރިކާއިން ސައުދީ އަރަބިއާއަށް ވިއްކާ ހަތިޔާރުގެ މިންވަރު މަދު ކުރަން އެމެރިކާއިން ނިންމައިފި އެވެ.

ރައީސް ބަރަކް އޮބާމާގެ ސަރުކާރުން ވަކި ބާވަތްތަކުގެ ހަތިޔާރު ސައުދީއަށް ނުވިއްކަން ނިންމާފައި ވަނީ ސައުދީން ޔަމަނަށް ވައިގެ ހަމަލާތައް ދެމުންދާ ގޮތުގެ ސަބަބުން ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ހަތިޔާރުގެ ވިޔަފާރި މަދު ކުރި ނަމަވެސް ސައުދީ އަރަބިއާގެ ބޯޑަރުގެ ސަލާމަތީ ކަންތައްތަކާ ބެހޭ އިންޓެލިޖެންސް ފޯރުކޮށްދިނުމާއި ސައުދީ ކޯލިޝަނުގެ ޕައިލެޓުން ތަމްރީނު ކުރުން އެމެރިކާއިން ކުރިއަށް ގެންދާނެ ކަމަށް އޮފިޝަލް ބުންޏެވެ.

މީގެ އިތުރުން ސައުދީ އަރަބިއާ އަށް ތިން ބިލިއަން ޑޮލަރުގެ އަސްކަރީ ހެލިކަޕްޓަރު ދިނުމަށް އެމެރިކާއާ އެކު ހަދާފައިވާ އެއްބަސްވުންވެސް އުވާ ނުލާނެ ކަަމަށް ރިޕޯޓުތަކުގައިވެ އެވެ.

ދެހާސްސާދަ ވަނަ އަހަރު ޔަމަނުގެ ހޫޘީން ވަނީ ގައުމުގެ ވެރިރަށް ސަންއާ ހިފުމަށް ފަހު އެމީހުންގެ ވެރިކަމެއް ގާއިމުކޮށްފަ އެވެ. އަދި ޔަމަނުގެ ރައީސް މަންސޫރު ހާދީ ވަނީ އެއީ ސައްހަ ވެރިކަމެއް ނޫން ކަމަށް ވިދާޅުވެ، ހޫޘީންނާ ދެކޮޅަށް ހަނގުރާމަ ކުރަން ސައުދީ އިސްވެ އޮންނަ ކޯލިޝަނެއްގެ ތާއީދު ހޯއްދަވާފަ އެވެ.

ޔަމަނު ހަނގުރާމައި މިހާތަނަށް އެތައް ހާސް އާއްމުން މަރުވެފައިވާ އިރު ތިން މިލިއަނާ ގާތް ކުރާ ވަރަށް މީހުން ވަނީ ގެދޮރު ނެތިފައިވެ އެވެ. (ބީބީސީ)