އޮޑިޓް ރިޕޯޓްތަކަކީ ކަން ހިނގާދިޔަ ގޮތް ހާމަކޮށްދިނުމަށް ނެރޭ ރިޕޯޓެއް ކަމަށާއި އެއީ އެއްވެސް މީހަކު ނުވަތަ ބަޔަކު ބޭޒާރުކުރަން ނެރޭ އެއްޗެއް ނޫން ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

އޮޑިޓް އޮފީހުގެ އާ ވެބްސައިޓާއި ސްޓްރެޓަޖިކް ޕްލޭން އިފްތިތާހު ކުރުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ޖިހާދު ވިދާޅުވީ، ބައެއް ފަރާތްތަކަށް ހީވެފައި އޮންނަނީ އޮޑިޓް ރިޕޯޓަކީ މީހަކު ބޭޒާރުކުރަން ނެރޭ އެއްޗެއް ކަމަށެވެ. ނަމަވެސް އެކަން އެމަނިކުފާނު ދޮގުކުރެއްވި އެވެ.

"ބައެއް މީހުން ދެކޭގޮތުގައި އަސްލު އޮޑީޓް ރިޕޯޓެއް އައިއްސިއްޔާ އަބަދުވެސް ބަލާނީ މީހާ ކުށްވެރިކުރެވޭތޯއޭ. ކޮންމެސް ކުށެއް ހޯދޭތޯއޭ. އެއީ ދޮގު ވާހަކައެއް. އޮޑިޓް އޮފީހުން ކުރާކަމަކީ އެ މީހުން ކުރާ ކަންތައްތައް ކޮށްފައި ހުރީ ކޮން ގޮތަކަށްތޯ ކިޔާދިނުން. އެހެންވީމަ އޮޑިޓް އޮފީހުން އަންނަ މީހުންނަށް ރަނގަޅު މައުލޫމާތު ނުދެވޭކަމަށް ވަންޏާ މައުލޫމާތު ދިން ގޮތަށް އެ ރިޕޯޓްގައި އޮންނާނީ،"

ނައިބު ރައީސް ޖިހާދު ވިދާޅުވީ ބައެއް އޮފީސްތަކުން އޮޑިޓް އޮފީހަށް ބޭނުންވާ މައުލޫމާތުތައް ނުދީ މައުލޫމާތު ރައްކާކުރާ ކަމަށެވެ. އެގޮތުން އޮޑިޓް އޮފީހުގެ މުވައްޒަފުންނަށް އެއްބާރުލުން ނުދޭނަމަ، އޮޑިޓް ރިޕޯޓްގައި އޮންނާނީ އެބޭފުޅުންނަށް ލިބުނު މައުލޫމާތެއް ކަމަށެވެ.

"އޮޑިޓް އޮފީހުގެ މުވައްޒަފުންނަށް އެއްބާރުލުން ނުލިބޭ ނަމަ، އެއްބާރުލުން ލިބުނު މިންވަރަކަށް ރިޕޯޓުތައް ހުންނާނީ. ފަހުން އޮޑިޓް ރިޕޯޓު ނެރުނީމަ ބުނާނެ ގޯސްކޮށޭ އޮތީ، މައުލޫމާތު އެބަ ހުއްޓޭ. އޭރުން އޮންނާނީ މާ ލަސްވެފައި،" ނައިބު ރައީސް ވިދާޅުވި އެވެ.

އެހެންކަމުން ސަރުކާރުގެ އަދި ކުންފުނިތަކުގެ މުވައްޒަފުން ވެސް އެތަނެއްގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ އެއްގޮތަށް މަސައްކަތްކޮށް، ކަންކަން ރަނގަޅުކުރަން މަސައްކަތްތައް ކުރަންޖެހޭ ކަމަށް ނައިބުރައީސް ފާހަގަކުރެއްވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ފާއިތުވި 68 އަހަރު އޮޑިޓް ރިޕޯޓުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރެއްވި އެވެ.

އޭޖީ އޮފީހުގެ ހިދުމަތް ދެމުން އަންނަތާ މިއަހަރަށް 68 އަހަރު ވާއިރު، އެ އޮފީހުގެ ދިގު ތާރީހުގައި އަލަށް އެކުލަވާލި ސްޓްރެޓަޖިކް ޕްލޭންގައި ވަނީ، ކުރިއަށް އޮތް ތިން އަހަރަށް އެ ކުންފުނިން ހާސިލްކުރަން ބޭނުންވާ ގިނަ ލަނޑުދަނޑިތަކެއް ހިމަނާފަ އެވެ. އެގޮތުން ހާސިލްކުރަން ބޭނުންވާ ހަތަރު ލަނޑުދަނޑިއެއް އޮތް އިރު، މިހާރު އޮފީހުގެ ތެރޭގައި އެކި ކަންކަމުގައި އަމަލުކުރަމުން އަންނަ ގޮތްތައް ބަދަލުކޮށް ހަރުދަނާ އުސޫލުތަކެއް ވަނީ ގާއިމްކޮށްފަ އެވެ.

އޭޖީ އޮފީހުގެ ކުރިއަށް އޮތް ތިން އަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކުގެ ޖަވާބުދާރީ ވުމާއި ހާމަކަމާއި ނަޒާހަތްތެރިކަން ހަރުދަނާކުރުން، ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހަށް ބޭނުންތެރި ތަނެއްގެ ގޮތުގައި ދެމިއޮތުން، ނަމޫނާ ދެއްކުމުގެ ތެރެއިން މަގުދައްކާ މުއައްސަސާއެއް ކަމުގައިވުން އަދި ދިވެހިރާއްޖޭގައި އެކައުންޓިންއާއި އޮޑިޓިން ތަރައްގީކޮށް ކުރިއެރުވުމަށް ޕްރޮފެޝަނަލް އެކައުންޓެންސީ ބޮޑީއެއް އެކުލަވާލުން ހިމެނެ އެވެ.