ގދ. ގައްދޫ އަދި ގއ. ވިލިނގިލީގައި ކުނި މެނޭޖްކުރުމުގެ ޕްރޮޖެކްޓެއް ފަށަން ބަޔަކާ ހަވާލުކޮށްފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވިލިނގިލީގައި އިންސިނެރޭޓަރު ޝެޑެއް ގާއިމް ކުރުމަށާއި ގައްދޫގައި ކުނި މެނޭޖްކުރާ މަރުކަޒެއް ގާއިމު ކުރުމަށް ވަނީ އެއްބަސްވެފަ އެވެ.

އެ ދެ ޕްރޮޖެކްޓަކީ ވެސް ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ހަވާލުކުރި ދެ ޕްރޮޖެކްޓު ކަމަށާއި ދެ ޕްރޮޖެކްޓަށް 1.1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެ އެވެ.

އެގޮތުން، 132،601.28 ރުފިޔާ ހަރަދުކޮށްގެން ވިލިނގިލީގައި ކުނި މެނޭޖްކުރާ މަރުކަޒުގައި އިންސްޓޯލް ކުރާ އިންސިނެރޭޓަރަށް ޝެޑެއް ގާއިމްކޮށް، އެތަނުން ކުނި މެނޭޖްކުރުމުގެ ހިދުމަތް ދެވޭ ފެންވަރަކަށް އެ މަރުކަޒުގެ ހާލަތު ބަދަލުކުރުމަށް ހަވާލު ކުރީ އެންއެސްއާރު އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.

އަދި ގދ. ގައްދޫގައި ކުނި މެނޭޖްކުރާ މަރުކަޒެއް ގާޢިމްކުރުމަށް ހަވާލުކުރީ އައިއެސްއެފް ކޮންސްޓްރަކްޝަން ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. އެ ޕްރޮޖެކްޓަށް ޕީއެސްއައިޕީގެ ބަޖެޓުން 996,057.36 ރުުފިޔާ ހަރަދުވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

މުޅި ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ޕްރޮޖެކްޓުތައް ހިންގުމަށް "ސްމޯލް ސްކޭލް ވޭސްޓް ޓު އެނާޖީ" މަޝްރޫއުގެ ދަށުން ޖުމްލަ ހަތް ޒޯނެއް ކަނޑައަޅާފައިވާއިރު، ގައްދޫ އަދި ވިލިނގިލި ހިމެނެނީ ޒޯން ހައެއް އަދި ހަތެއްގަ އެވެ. އެ ޒޯންގައި ހިމެނެނީ އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އަދި ހުވަދު އަތޮޅުގެ ރަށްތަކެވެ.