14 Dec 2016, 12:53
އޮޑިޓާ ޖެނެރަލް އޮފީހުގެ އާ ވެބްސައިޓާއި އަންނަ އަހަރުން ފެށިގެން 2019 ވަނަ އަހަރަށް އެ އޮފީހުގެ ސްޓްރެޓަޖިކް ޕްލޭން މިއަދު އިފްތިތާހުކޮށްފި އެވެ.
އިސްލާމީ މަރުކަރުގެ ޖަލްސާކުރާ މާލަމްގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އޭޖީ އޮފީހުގެ އާ ވެބްސައިޓާއި ސްޓްރެޓަޖިކް ޕްލޭން އިފްތިތާހު ކޮށްދެއްވީ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ.
އޭޖީ އޮފީހުގެ ހިދުމަތް ދެމުން އަންނަތާ މިއަހަރަށް 68 އަހަރު ވާއިރު، އެ އޮފީހުގެ ދިގު ތާރީހުގައި އަލަށް އެކުލަވާލި ސްޓްރެޓަޖިކް ޕްލޭންގައި ވަނީ، ކުރިއަށް އޮތް ތިން އަހަރަށް އެ ކުންފުނިން ހާސިލްކުރަން ބޭނުންވާ ގިނަ ލަނޑުދަނޑިތަކެއް ހިމަނާފަ އެވެ. އެގޮތުން ހާސިލްކުރަން ބޭނުންވާ ހަތަރު ލަނޑުދަނޑިއެއް އޮތް އިރު، މިހާރު އޮފީހުގެ ތެރޭގައި އެކި ކަންކަމުގައި އަމަލުކުރަމުން އަންނަ ގޮތްތައް ބަދަލުކޮށް ހަރުދަނާ އުސޫލުތަކެއް ވަނީ ގާއިމްކޮށްފަ އެވެ.
އޭޖީ އޮފީހުގެ ކުރިއަށް އޮތް ތިން އަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކުގެ ޖަވާބުދާރީ ކުރުމާއި ހާމަކަމާއި ނަޒާހަތްތެރިކަން ހަރުދަނާކުރުމާއި ރައްޔިތުންނަށް ބޭނުންތެރި ތަނަކަށް މަޖިލިސް ހެދުމަށާއި، ރައްޔިތުންނަށް ނަމޫދާ ދައްކާ މުއައްސަސާއަކަށް ހެދުމާއި ރާއްޖޭގައި އެކައުންޓިން އާއި އޮޑިޓިން ތަރައްގީކޮށް ކުރިއެރުވުމަށް ޕްރޮފެޝަނަލް އެކައުންޓެންސީ ބޮޑީއެއް އެކުލަވާލުން ހިމެނެ އެވެ.
އެ އޮފީހުން ލޯންޗް ކުރި އާ ވެބްސައިޓުގައި އޮޑިޓާ ޖެނެރަލް އޮފީހަކީ ކޮބައިކަމާއި، އެ އޮފީހުގެ މަސައްކަތްތަކާއި، އެ އޮފީހުން ކުރާ އޮޑިޓްތަކުގެ ރިޕޯޓްތަކާއި އޮޑިޓަރުންގެ މައުލޫމާތާއި ފޯމްތަކާއި އިއުލާނުތަކުގެ އިތުރުން ގަވާއިދުތަކާއި އޮޑިޓް އޮފީހުގެ ތާރީހީ ބައެއް މައުލޫމާތުތައް ވަނީ ހިމަނާފަ އެވެ.
އޮޑިޓް އޮފީހުގެ އާ ވެބްސައިޓާއި ސްޓްރެޓަޖިކް ޕްލޭން އިފްތިތާހު ކުރުމަށް ބޭއްވި ރަަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
މިއަދުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވީ މިއަދު އާންމުކުރި އާ ވެބްސައިޓާއި ސްޓްރެޓްޖިކް ޕްލޭންގެ ސަބަބުން އޮޑިޓް އޮފީހުން ކުރަމުން އަންނަ މަސައްކަތްތައް ރައްޔިތުންނަށް ވަރަށް ގާތުން ފެނުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އެގޮތުން ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސާތަކުގެ އޮޑިޓް ރިޕޯޓްތައް އެ ވެބްސައިޓުން ވެސް ފެނުމަކީ ކުންފުނިތަކުގެ ކަންކަން ހުރި ނެތްގޮތް ރައްޔިތުންނަށް އޮޅުން ފިލާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނައިބު ރައީސް ޖިހާދު ވިދާޅުވީ މިހާރު ރާއްޖޭގައި ޓެކްސް ސިސްޓަމެއް ވެސް ގާއިމްކުރެވިފައިވާ އިރު އެކައުންޓިން ބޮޑީއެއް އެކުލަވާލެވިގެން ދިއުމަކީ މުހިންމު ކަމެއް ކަމުގައި ދެކިލައްވާ ކަމަށެވެ. އެގޮތުން އޭޖީ އޮފީހުގެ ސްޓްރެޓަޖިކް ޕްލޭންގައި އެކަން ހިމަނާފައި އޮތުމުން އުފާ ކުރައްވާކަމަށް ނައިބު ރައީސް ޖިހާދު ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ، މިއަދު އިފްތިތާހު ކުރި ސްޓްރެޓަޖިކް ޕްލޭނަކީ އެ އޮފީހުގެ މަގުޗާޓު ކަމަށެވެ. އޭގެ ސަބަބުން އެ އޮފީހުގެ މަސައްކަތައް އިތުރު އަލިކަމަކާއި ސީދާކަމެއް ލިބިގެންދާނެ ކަމަށާއި ހިންގުމުގެ ހަރުދަނާކަމާއި ޖަވާބުދާރީ ވުމަށް މަގުފަހިކޮށްދޭނެ ވަސީލަތެއް ކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ.
އޮޑިޓް އޮފީހުގެ އާ ވެބްސައިޓާއި ސްޓްރެޓަޖިކް ޕްލޭން އިފްތިތާހު ކުރުމަށް ބޭއްވި ރަަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
މިއަދުގެ ރަސްމިއްޔާތުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކާއި ބައެއް ސަފީރުންގެ އިތުރުން ދައުލަތުގެ ގިނަ މުއައްސަސާތަކެއްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.