އެވަޓަން އަތުން 2-1ގެ ނަތީޖާ އަކުން ބަލިވި އިނގިރޭސި ޕްރިމިއާ ލީގްގެ އެއްވަނަ އަށް އަރަން ލިބުނު ފުރުސަތު އާސެނަލްއަށް ގެއްލިއްޖެ އެވެ.

ރޭގެ މެޗު ކާމިޔާބުކޮށްގެން ތާވަލުގެ އެއްވަނައަށް އާސެނަލްއަށް އަރަން ފުރުސަތު އޮތް ނަމަވެސް ރޭގެ ބައްޔާ އެކު އެ ޓީމް އޮތީ އެއްވަނާގައި އޮތް ޗެލްސީއަށް ވުރެން އެއް މެޗު އިތުރަށް ކުޅެ 34 ޕޮއިންޓާ އެކު ދެވަނާގަ އެވެ. އެއްވަނާގައި އޮތް 37 ޕޮއިންޓާ އެކު ޗެލްސީ މިރޭ ސަންޑަލެންޑް އަތުން މޮޅުވެއްޖެ ނަމަ އެ ޓީމަށް އާސެނަލްގެ މައްޗަށް ހަ ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ.

އެވަޓަންގެ ގުޑިސަން ޕާކުގައި ރޭ ކުޅުނު މެޗުގެ 20 ވަނަ މިނެޓްގައި އާސެނަލްއިން ވަނީ ލީޑް ނަގައިފަ އެވެ. އެ ގޯލު އާސެނަލްއަށް ކާމިޔާބުކޮށްދިނީ އެވަޓަންގެ ޕެނަލްޓި އޭރިއާ ކައިރިން ލިބުނު ހިލޭ ޖެހުމެއް އެލެކްސިސް ސަންޗޭޒް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

އާސެނަލްއިން ލީޑް ނެގި ނަމަވެސް އެވަޓަން އިން ވަނީ ފުރަތަމަ ހާފްގެ އެންމެ ފަހު ވަގުތުކޮޅުގައި ގޯލެއް ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފަ އެވެ. އާސެނަލްގެ ގޯލު ކުރިމައްޗަށް ލެއިޓަން ބެއިންސް ހުރަސްކުރި ބޯޅަ ގޯލަށް ވައްދާލީ ސީމަސް ކޯމަން އެވެ.

އެ ނަތީޖާގައިއޮވެ މެޗު ނިމެން ދަނިކޮށް އެވަޓަންއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު މެޗުގެ 86 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އޭޝްލީ ވިލިއަމްސް އެވެ. ވިލިއަމްސް އެ ގޯލި ކާމިޔާބުކުރީ އެ ޓީމަށް ލިބުނު ކޯނަރެއްގައި ބޮލުން ބޯޅު ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

އާސެނަލްއަތުން މުހިންމު މޮޅެއް ލިބުނު ނަމަވެސް އެވަޓަން އިން މެޗު ނިންމާލަން ޖެހުނީ 11 ކުޅުންތެރިންނާއި އެކު އެވެ. އެއީ މެޗުގެ އިތުރު ވަގުތުކޮޅުގައި އެވަޓަންގެ ކެޕްޓަން ފިލް ޖެގިއެލްކާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.