ބަންޖުލް (ޑިސެމްބަރު 14): ގެމްބިއާގެ ސިފައިން އެގައުމުގެ އިލެކްޝަން ކޮމިޝަނުގެ މައި އޮފީސް ހިސާރުކޮށްފި ކަމަށް އެކޮމިޝަނުގެ ޗެއާމަން އަލިއެއު މޮމަރު ނަޖައި ވިދާޅުވެއްޖެ އެވެ.

ނަޖައި ވިދާޅުވި ގޮތުގައި ސިފައިން ވަނީ އިލެކްޝަން ކޮމިޝަނަށް މުވައްޒަފުން ނުވަދެވޭ ގޮތަށް ބަންދުކޮށްފަ އެވެ.

ގެމްބިއާގެ އަސްކަރިއްޔާ އިން އެފިޔަވަޅު އަޅާފައި ވަނީ މި މަހުގެ އެއް ވަނަ ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލު ކުރުމަށް އެދި އެ ގައުމުގެ ރައީސް ޔަހުޔާ ޖަމޭހް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ފަހުންނެވެ.

ބާވީސް އަހަރު ވެރިކަން ކުރައްވާފައިވާ ރައީސް ޖަމޭހް އިންތިހާބުގެ ނަތީޖާ ގަބޫލު ކުރައްވައި ވެރިކަމުން ފައިބައި ވަޑައިގަތުމަށް އދ. އެމެރިކާ އަދި ހުޅަނގު އެފްރިކާގެ ލީޑަރުން ވަނީ ގޮވާލައްވައިފަ އެވެ.

"އަޅުގަނޑުމެން އުއްމީދުކޮށް ދުއާ ކުރަނީ ރައީސް އެބޭފުޅުންގެ އަޑުއައްސަވައި އިސްތިއުފާ ދެއްވާނެ ކަމަށް،" ނަޖައި ވިދާޅުވި އެވެ.

މީގެ ކުރިން މި މަހުގެ ފަސް ވަނަ ދުވަހު ގެމްބިއާގެ އިލެކްޓޯރަލް ކޮމިޝަނުން ވަނީ އެގައުމުގެ އެއް ސަރަހައްދުގެ ވޯޓުތައް ގުނާފައި ވަނީ ނުބައިކޮށް ކަމަށް ބުނެ ވޯޓުތައް އަލުން ގުނައިފަ އެވެ. އޭގެ ސަބަބުން އިންތިހާބުގެ ނަތީޖާ ބަދަލު ނުވި ނަމަވެސް ޖަމޭހްގެ މައްޗަށް ބަރޯ ހޯއްދެވި ލީޑު ނުވަ ޕަސެންޓުން ހަތަރު ޕަސެންޓަށް ދަށްވި އެވެ.

އެހެންކަމުން ރައީސް ޖަމޭހް ވަނީ އިންތިހާބުގެ ނަތީޖާގެ ސައްހަ ކަމާ މެދު ސުވާލު އުފައްދަވާފަ އެވެ. އަދި އިންތިހާބުން ބަލި ގަބޫލު ކުރައްވައި، އިންތިހާބު ކާމިޔާބު ކުރެއްވި އެޑަމާ ބަރޯއަށް މަރުހަބާ ވިދާޅުވިތާ ހަފްތާއެއް ފަހުން ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް އިލެކްޝަން ކޮމިޝަނުގެ ޗެއާމަން ނަޖައި ވަނީ އިންތިހާބުގެ ނަތީޖާ ދިފާއު ކުރައްވާފަ އެވެ. އަދި އަދި ރައީސް ޖަމޭހް ކޯޓަށް ވަޑައިގަތް ނަމަވެސް ހުރިހާ ވޯޓުގެ ސައްހަކަން ސާބިތު ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ގެމްބިއާގެ ރިޔާސީ އިންތިހާބު ތެރޭގައި އެގައުމުގެ އަސްކަރިއްޔާގެ ޗީފް އުސްމާން ބަދްޖީ ތާއިދު ކުރެއްވީ ސަރުކާރާ އިދިކޮޅު ބަރޯ އަށެވެ. ނަމަވެސް މިހާރު އޭނާ ވަނީ ތާއިދު އަނބުރާ ގެންދަވައި ރައީސް ޖަމޭހް އަށް ތާއިދު ކުރަން ނިންމަވާފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ. (ބީބީސީ)