ވޭތުވެދިޔަ 12 އަހަރު ގައުމީ ވޮލީ ޓީމުގައި ހިމެނިފައިވާ އަޝްފާގު އާދަމް (އައްކަޅޭ) ބާކީކޮށް އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ނެގި ގައުމީ ވޮލީބޯޅަ ޓީމް އިއުލާންކޮށްފި އެވެ.

އަންނަ މަހު ފަހުކޮޅު ބަންގާޅުގައި ފަށާ ސެންޓްރަލް ޒޯން މުބާރާތަށް ނެގި ސްކޮޑުން އައްކަޅޭގެ އިތުރުން ދެން ބާކީކުރީ އަހުމަދު ފާޒިލް އާއި ލުގުމާން ލަތީފްގެ އިތުރުން އާދަމް ނަސީމް(އެޑަމް) އެވެ. އޭގެ ތެރޭގައި އެޑަމް އަކީ މިއަހަރުގެ ވޮލީ ސީޒަނުގައި ދިވެހި ސިފައިންގެ ކްލަބަށް މޮޅު ކުޅުމެއް ދައްކައި، ގައުމީ ވޮލީ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކުޅުންތެރިޔާ އެވެ.

ގައުމީ ވޮލީ ޓީމުގައި މިފަހަރު ވަނީ ޒުވާން ދެ ކުޅުންތެރިޔަކު ހިމަނައިފަ އެވެ. އެއީ ޖަވާމް އަލީ އާއި މުހައްމަދު މިމްރާހު ހިމަނައިފި އެވެ.

ޖަވާމް އާއި މިމްރާހްގެ އިތުރުން ދެން ގައުމީ ވޮލީ ޓީމުގައި ހިމެނެނީ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އަލީ ހުޒާމް އާއި އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އާއި ހަސަން ނިލާމް އާއި މުހައްމަދު ޝާއިން އާއި އަލީ އާމިރު އާއި އަހުމަދު އަނިލް ނަސީރު އާއި އާދަމް ފައިރޫޒް އާއި އަހުސަން އާއި ހުސެއިން ވިޝާމްގެ އިތުރުން އިޝާން މުހައްމަދު (ބަޓިސް) އެވެ.

ގައުމީ ވޮލީ ޓީމްގެ ކޯޗު ސްރީ ލަންކާގެ ސިސިރާ ކުމާރުގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު ލަންކާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރަމުން އަންނައިރު ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކުރަން ގައުމީ ޓިމު ފުރާނީ މި މަހު 19 ވަނަ ދުވަހު އެވެ.