ކުޑަ އިރު ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ ކަމަށް ބޮލީވުޑްގެ ކާމިޔާބު އެކްޓްރެސް ސޯނަމް ކަޕޫރު ބުނެފި އެވެ.

ސޯނަމް އެކަން ހާމަކޮށްފައި ވަނީ ދަ ބޮލީވުޑް ރައުންޑްޓޭބަލް 2016ގައި ފިލްމު ކްރިޓިކް އަދި ހޯސްޓު ރާޖީވް މަސަންދު އާ އެކު ކުރިއަށް ދިޔަ އިންޓަވިއުގެ ތެރެއިންނެވެ.

އެ އިންޓަވިއުގައި ސޯނަމްގެ އިތުރުން، އަނުޝްކާ ޝަރްމާ، އާލިއާ ބަޓް، ވިދްޔާ ބާލަން އަދި ރާދިކާ އަޕްޓޭ ވެސް ޖިންސީ ގޯނާ އާ ގުޅޭ ގޮތުން ވާހަކަ ދައްކައިފަ އެވެ.

"އަހަރެން ކުޑަ އިރު އަހަންނަށް ވަނީ ޖިންސީ ގޯނާއާ ކުރިމަތިލާން ޖެހިފައި،" ސޯނަމް ބުންޏެވެ.

ސޯނަމް ބުނީ އެއީ ވަރަށް ބިރުވެރި އަދި މީހާއަށް ވަރަށް ގޯސް އަސަރުތަކެއް ކުރިވި ކަމެއް ކަމަށެވެ.

ސޯނަމްގެ ވާހަކައާ ގުޅިގެން ވިދްޔާ ބާލަން ބުނީ ޖިންސީ ގޯނާގެ ޝިކާރައަކަށްވާ މީހުންނާއި ކުދިންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ، އެއީ އެމީހުން ޒިންމާ ވާން ޖެހޭ ކަމެއް ކަމަށް މުޖުތަމައު އިން އިހުސާސް ކޮށްދޭތީ ކަމަށެވެ. އަދި އެކަމުގައި ސޯނަމްގެ އެއްވެސް ކުށެއް ނެތް ކަމަށް ވެސް ސޯނަމް ބުނެފައިވެ އެވެ.

އަނުޝްކާ ޝަރްމާ ބުނީ އޭނާ ކުޑައިރު، އެއްވެސް މީހަކު އޭނާގެ ހަށިގަނޑުގައި ނުބައި މާނައެއްގައި އަތްލާފައި ވޭތޯ މަންމަ ސުވާލު ކުރާ ކަމަށާއި، އޭރު އެއީ ކީއްވެ ކަން ނޭނގޭ ކަމަށެވެ.

އެ އެޕިސޯޑު ޓީވީ އިން ދެއްކުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާގަ އެވެ.