14 Dec 2016, 11:36
ކާބުލް (ޑިސެމްބަރު 14): އަފްގާނިސްތާނުގެ ނައިބު ރައީސް އަބްދުލް ރަޝީދު ދޮސްތޫމް ސަރުކާރުގެ އިދިކޮޅު ފަރާތެއް ކަމަށްވާ އަހުމްދު އިޝްޗީ ވަގަށް ނަގައި އޭނާ އަށް ޖިންސީ އަނިޔާ ކުރި ކަމަށް އޭނާ ބުނެފި އެވެ.
ޖެނެރަލް ދޮސްތޫމްގެ އުފަން ޕްރޮވިންސު ކަމަށްވާ ޖޮއުޒުޖާންގެ ގަވަރުނަރުކަން ކޮށްފައިވާ އިޝްޗީ ބުނި ގޮތުގައި ނައިބު ރައީސުގެ ގޭގައި އޭނާ ގަދަކަމުން ބެހެއްޓުމަށް ފަހު ދޮސްތޫމްގެ އިތުރުން 10 މީހަކު ވަނީ އޭނާ އަށް އަނިޔާކޮށްފަ އެވެ.
ޖެނެރަލް ދޮސްތޫމް ވަނީ އެވާހަކަތައް ދޮގު ކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އިޝްޗީ ހައްޔަރު ކުރީ ގައުމުގެ ޖާސޫސީ އިދާރާއިންނެވެ.
"އިދިކޮޅު ފަރާތްތަކަށް ފަންޑު ކުރުމާއި ގައުމުގެ ސަލާމަތީ މައްސަލަތަކެއްގައި އޭނާގެ އަތެއްވާ ކަމުގެ ތުހުމަތުގައި އިޝްޗީ ހައްޔަކު ކުރީ އަފްގާން ސަލާމަތީ ފައުޖުތަކުން. ނައިބު ރައީސާ ދެކޮޅަށް ބަޔަކު މަސައްކަތް ކުރާތާ ދުވަސްކޮޅެއް ވެއްޖެ،" ޖެނެރަލް ދޮސްތޫމްގެ ތަރުޖަމާނަކު ވިދާޅުވި އެވެ.
އިޝްޗީ ބުނި ގޮތުގައި އޭނާ ވަގަށް ނަގާފައި ވަނީ ޖެނެރަލް ދޮސްތޫމްގެ ޓީމަކާއި އޭނާގެ ޓީމަކާ ދެމެދު ކުރިއަށް ދިޔަ ކުޅަވަރަކަށް ފަހު ނޮވެމްބަރު 24ގަ އެވެ. އޭގެ ފަހުން ޖެނެރަލް ދޮސްތޫމް ވަނީ އޭނާގެ "ކަރަށް ފައިން އަރައި، ނައިބު ރައީސުގެ ގެޔަށް ގެންގޮސް އަށް ގާޑުން ލައްވާ އެނާގެ ހެދުން ބާލުވައި އަނިޔާކޮށްފައި" ކަމަށް އިޝްޗީ ބުންޏެވެ.
އަދި އޭނާ ދޫކޮށްލީ އަފްގާން ސެކިއުރިޓީ ސާވިސް އޮފީހަށް ގެންދިޔުމަށް ފަހު ކަމަށް އިޝްޗީ ބުންޏެވެ.
ވީނުވީއެއް ނޭނގި ދެހަފްތާއަށް ގެއްލުމަށް ފަހު ފެނުނު އިޝްޗީއަށް އަނިޔާ ކުރި ކަމުގެ ތުހުމަތު ތަހުގީގު ކުރަން އދ. އާއި އެމެރިކާ އިން ވަނީ ގޮވާލާފަ އެވެ. އަދި އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގަނީގެ އޮފީހުން ވަނީ އެމައްސަލަ ރަނގަޅަށް ތަހުގީގު ކުރާނެ ކަމަށް ބުނެފަ އެވެ. (ބީބީސީ)