ހަލަބް (ޑިސެމްބަރު 14): ސޫރިޔާގައި އެންމެ ވަރުގަދައަށް ހަނގުރާމަ ހިނގަމުންދާ ރަށްކަމަށްވާ ހަލަބްގައި ފައިހަރުކޮށްލައިގެންތިބި ހަނގުރާމަވެރިން އެރަށުން ފޭބުމުގެ މައްސަލާގައި ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކާއި ރަޝިޔާ އާއި ސޫރިޔާ ސަރުކާރު އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

މިކަންވަނީ ރަޝިޔާ އާއި ތުރުކީ އާއި އެމެރިކާއިން ވެސް ކަށަވަރުކޮށްދީފައެވެ. މިއެއްބަސްވުން ބިނާވެފައިވަނީ ސޫރިޔާ ސަރުކާރު ގަދަބާރުން ވައްޓާލުމަށްޓަކައި ހުޅަނގުގެ މަދަދު ލިބިގެން ހަނގުރާމަކުރާ އިދިކޮޅު ހަނގުރާމަވެރިންނާއި އެމީހުންގެ އާއިލާތަކާއަދި އެމީހުންނަށް ތާއީދުކުރާ ފަރާތްތައް އަމާންކަމާއެކު ހަލަބުން ބޭރުވުމުގެ ފުރްސަތު ދިނުމުގެ މައްޗަށެވެ.

މި ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކުގެ ކޮންޓްރޯލް އޮންނަ ހަލަބްގެ ސަރަހައްދުތަކަށް ރަޝިޔާއާއި ސޫރިޔާ ސިފައިން ދެމުން ގެންދާ ވައިގެ ހަމަލާތަކާއި އެނޫން ހަމަލާތައްވެސް ހުއްޓުމަކަށް ގެނަސްގެންނެވެ.

ހަމަލާތައް ހުއްޓާލުމުގެ މި އެއްބަސްވުން ވުޖޫދަށް އައިސްފައި މި ވަނީ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކާއި ރަޝިޔާއާއި ތުރުކީގެ އެއްބާރުލުމާއެކުގައި ކަމަށް އެމެރިކާ ބުނެއެވެ. މިއެއްބަސްވުން ތަންފީޒު ކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ރަޝިޔާ އާއި ސޫރިޔާ ސަރުކާރުން ވަނީ ހަމަލާތައް ހުއްޓާލިކަން ރޭ ފަތިހު އިޢްލާންކޮށްފައެވެ. ހަމަލާތައް ހުއްޓާލިކަން ތުރުކީއާއި ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުންވެސް މިހާރުވަނީ ކަށަވަރުކޮށްދީފައެވެ.

މިއާއެކުވެސް ހަލަބް ގައި ފައިހަރުކޮށްލައިގެންތިބި ހަނގުރާމަވެރިންނާއި އެމީހުންގެ އާއިލާތަކާއަދި އެމީހުންނަށް ތާއީދުކުރާ ފަރާތްތައް އަމާންކަމާއެކު ހަލަބުން ބޭރުވުމުގެ ކަންތައް އަދި ނުފެށޭކަމަށާ ނަމަވެސް މިއަދުގެ މެންދުރެއްހާއިރު ކުޑަކުދިންނާއި އަންހެނުން ހަލަބުން ބޭރުވުމުގެ ކަންތައް ފެށޭނެކަމަށް އދ. އިން ބުނެއެވެ.

ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުން ވަނީ ކުޑަކުދިންނާއި އަންހެނުން ހަލަބުން ބޭރުވުމުގެ ކަންތައް އދ. ގެ އޮބްޒާވަރުންގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދިޔުމަށް އެދިފައެވެ. ހަލަބުން ބޭރުވާ އާންމުން ގެންދިޔުމަށް ހަމަޖެހިފައިވަނީ ހަނގުރާމަ ނުހިނގާ ސަރަހައްދުތަކުގައިވާ ރެފިއުޖީ ފޭލިގެތަކަށެވެ. ހަނގުރާމަވެރިން ދިޔުމަށް ހަމަޖެހިފައި ވަނީ އެމީހުންގެ ބަރު ހަތިޔާރުތައް ދޫކޮށްލުމަށްފަހު އެމީހުންގެ އަތުގައިވާ ލުއިހަތިޔާރާއެކު އިދިކޮޅު ޖަމާއަތްތަކުގެ ކޮންޓްރޯލްގެ ދަށުގައިވާ ސޫރިޔާގެ އެހެން ސަރަހައްދުތަކަށެވެ.

މިއެއްބަސްވުމާ އެއްގޮތަށް ހަނގުރާމަވެރިންނާއި އެމީހުންނަށް ތާއީދުކުރާ އާންމުން ހަލަބުން ބޭރުވުމުން މުޅި ހަލަބް ސޫރިޔާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް އަންނާނެއެވެ. މިހާރުވެސް ހަލަބްގެ 80 އިންސައްތަ ވަނީ ސޫރިޔާ ސިފައިންގެ ކޮންޓްރޯލްގެ ދަށުގައެވެ.

އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައިވާ ސަރަހައްދުތައް ހިފުމުގެ ހަނގުރާމަފެށުން ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސޫރިޔާ ސިފައިން މަޑުޖައްސާލާފައިވަނީ އެތަންތަނުގައި އާންމުން ޚާއްސަކޮށް ކުޑަކުދިންނާއި އަންހެނުންގެ އެތަށް ހާސް ބަޔަކު ތިބުމުގެ ސަބަބުންނެވެ.

ނަމަވެސް ރަޝިޔާ ސިފައިންނާއި ސޫރިޔާ ސިފައިން ފާއިތުވި މަހެއްހާ ދުވަހު ހަލަބަށް ދިން ޙަމަލާތަކުގައި އާންމުންގެ އެތަށް ހާސްބަޔަކު މަރުވެފައިވެއެވެ. މިހާގިނަ އަދަދެއްގެ ބަޔަކު މަރުވީ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުން އަންހެނުންނާއި ކުޑަކުދިން އިންސާނީ އައްޑަނައެއްގެ ގޮތުގައި ބޭނުންކުރުމުގެ ސަބަބުންކަމަށް ސޫރިޔާ ސަރުކާރުން ބުނެއެވެ. (ނޫސްއެޖެންސީތައް)