ގއ. ގެމަނަފުށީގައި ނަރުދަމާގެ ނިޒާމެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށިގެން ދާނޭ ކަމަށާއި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޚިދުމަތްތައް ވެސް އަންނަ އަހަރު ކޮންމެ ވެސް ސިފައެއްގައި އެ ރަށުން ލިބިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގެމަނަފުށީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެރަށަށް މިހާރު އެންމެ ބޮޑަށް ބޭނުންވެފައި އޮތީ ނަރުދަމާގެ ޚިދުމަތް ކަމަށެވެ. އެހެން ކަމުން އަންނަ އަހަރުގެ ތެރޭގައި އެ ރަށުގައި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ގެމަނަފުށި ފަދަ މަސްވެރި ރަށެއްގައި ބޭންކެއްގެ ޚިދުމަތް ލިބެން ހުރުމަކީ މުހިއްމު ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު އެފަދައިން ވިދާޅުވި އިރު، އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގެމަނަފުށީ ދާއިރާގެ މެމްބަރު، ޖަމީލް އުސްމާން ވެސް ވަނީ އެ ރަށުގައި ބޭންކުގެ ޚިދުމަތް ލިބެން ހުރުމުގެ މުހިއްމު ކަމަށް އަލިއަޅުވާލައި ވާހަކަފުޅު ދައްކަވާފައެވެ.

"ބިއެމްއެލްއެގެ ކޮންމެވެސް ކަހަލަ ވަސީލަތެއް، މަސްވެރި ރަށެއްވީމަ ޝައްކެއް ވެސް ނެތް ތަނަވަސްކަން ހުންނާނެ. އެހެންވީމަ ރައްޔިތުން ބޭނުންވާނެ. އުފާވެރި ޚަބަރަކީ ބީއެމްއެލްގެ ސީއީއޯ ދެންމެ ޑރ. ޝައިނީ މެދުވެރުކޮށް އަޅުގަނޑަށް ދެންނެވި. ގެމަނަފުށީގެ ރައްޔިތުންނަށް ކަށަވަރުކަންދެއްވާށޭ. އަންނަ އަހަރުގެ ތެރޭގައި، 2017 ވަނަ އަހަރުގެ ތެރޭގަ ބީއެމްއެލް ކޮންމެވެސް ކަހަލަ ޕްރެޒެންސެއް ރައްޔިތުންނަށް ފަސޭހަ ގޮތަކަށް މިތާގަ ގާއިމް ކުރެވިގެންދާނެއޭ،" ރައީސް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ރައީސް ވަނީ މަސްވެރިކަމުގެ ދާއިރާގައި ރާއްޖެއަށް ހުރި ގޮންޖެހުންތަކާއި، ރާއްޖޭގެ ހުރި މައްސަލަތަކަށް އަލިއަޅުވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި އެކަންކަން ހައްލު ކުރުމަށް އަޅަން ހަމަޖައްސާފައިވާ ފިޔަވަޅުތަކާއި އަންނަ އަހަރުގެ ތެރޭގައި މަސްވެރިކަމުގެ ދާއިރާއަށް ގެންނަން ހަމަޖައްސާފައިވާ އިންވެސްޓެމެންޓްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން އަންނަ އަހަރުގެ ތެރޭގައި ރާއްޖެގެ ހަތަރު ސަރަހައްދެއްގައި ދަޅު މަސް ބަންދު ކުރުމުގެ ފެކްޓްރީތައް ގާއިމް ކުރުމަށް ސައުދީ ފައުންޑޭޝަންގެ އެހީ ލިބޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.