މި އަހަރުގެ ކުރީކޮޅު ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ބާރަށް ދެކެވުނު އެއް ވާހަކައަކީ އަފްޣާނިސްތާނަށް އުފަން ކުއްޖެއްގެ ވާހަކައެކެވެ. ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރީންގެ ތެރޭގައި ހިމެނޭ ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީގެ ވަރުގަދަ ސަޕޯޓަރެއްގެ ވާހަކައެކެވެ. އުމުރުން އެންމެ ހަ އަހަރުގެ މުރުތަޒާ އަހުމަދުގެ އުފާވެރި އަހަރު ނިންމާލީ، މެސީއާ ބައްދަލުކޮށްފައެވެ.

އަފްޣާނިސްތާނުގެ މުރުތާޒާ "ޕްލާސްޓިކް ކޮތަޅު ޖާޒީ"ގައި: މިހާރު މެސީ ވަނީ އެ ކުއްޖާއާ ބައްދަލުކޮށްފައި ---

އުމުރުން ކިތަންމެ ކުޑަ ނަމަވެސް، އޭރު މުރުތަޒާ އަހުމަދު ދައްކުވައިދިނީ އޭނާ އަކީ މެސީގެ ވަރަށް ބޮޑު ސަޕޯޓަރެއް ކަމެވެ. އަފުޣާނިސްތާންގެ ޣަޒުނީ ޕްރޮވިންސްގައި ދިރިއުޅެމުންދިޔަ އާޖެންޓީނާ އަދި ބާސެލޯނާގެ ސަޕޯޓަރު މުރުތަޒާ މަޝްހޫރުވެގެންދިޔައީ އާޖެންޓީނާ ހޯމް ޖޯޒީގެ ކުލަތައް ސިފަވާގޮތަށް ޑިޒައިންތައް ހުރި ބާޒާރު ކޮތަޅެއްގައި މެސީގެ ނަމާއި ޖާޒީ ނަންބަރު ޖަހައިގެން އެ ކޮތަޅު ގަޔަށް މަހައިގެން އުޅުނު ފޮޓޯތަކެއްގެ ސަބަބުންނެވެ. އޭރު އެގޮތަށް އޭނާ ކަންތައް ކުރީ އާއިލާގެ މާލީ ނުތަނަވަސް ކަމާ ހުރެ މުރުތާޒަކަށް މެސީގެ ޖޯޒީއެއް ނުލިބުމުންނެވެ.

އަފްޣާނިސްތާނުގެ މުރުތާޒާ، މެސީ ހަދިޔާކުރި ޖާޒީގައި: މިހާރު މެސީ ވަނީ އެ ކުއްޖާއާ ބައްދަލުކޮށްފައި ---

އެ ފޮޓޯތައް އިންޓަނެޓްގައި ދައުރުވާން ފެށީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އަދި މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހަ އަހަރުގެ މުރުތާޒާއަށް މެސީ ސޮއިކޮށްފައިވާ ޖާޒީއެއް ލިބިގެންދިޔަައެވެ. ނަމަވެސް އެއީ ކޮތަޅުން ހަދާފައިވާ ޖާޒީއެއް ނޫނެވެ. އޭނާ އަށް މެސީ ދިނީ ދަނޑުމަތީގައި މެސީވެސް ބޭނުންކުރާ ފަދަ ޖާޒީއެކެވެ. އެ ޖާޒީއާއެކު މެސީ އޭނާއާ ބައްދަލުކުރުމަށް ވެސް ވައުދުވި އެވެ.

އެވައުދުވިތާ 11 މަސް ފަހުން މެސީ މިވަނީ ކުޑަކުޑަ މުރުތަޒާއާ ދޯހާގައި ބައްދަލުކޮށް އެ ވައުދު ފުއްދާފައެވެ.

ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ކުލަބް، އަލް އަހްލީ އާއެކު ބާސެލޯނާ ކުޅޭ ރަހަމްތެރިކަމުގެ މެޗަށް މެސީ ނުކުތް އިރު އޭނާއާ އެކު މުރުތާޒާ ވެސް ފެނިގެންދިޔައެވެ.