19 Jun 2011, 10:08
ބަނޑޮސް ރިސޯޓުގައި އާންމު މީޑިއާއާ ނުލައި އިއްޔެ އެމްޑީޕީން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ އިން ވަނީ ސިހުން ގެނެސްދީ، ސުވާލުތަކެއް ފެންމަތި ކުރުވާފަ އެވެ. އެންމެ ބޮޑު ހައިރާން ކަމަކަށްވީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ރީކޯ މޫސާ މަނިކު މަގާމުން އިސްތިއުފާ ދެއްވުމާއެކު ޕާޓީގެ ގައުމީ މަޖިލީހުގެ 97 މެންބަރުންގެ އަޣުލަބިއްތުން ޕާޓީގެ ވަގުތީ ޗެއާ ޕާސަންގެ މަގާމަށް ވަޑައިގަތުމެވެ. ދެ ވަނަ ކަމަކީ ޕާޓީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ އިސްތިއުފާ ދެއްވުމުން އެ މަގާމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި މުހައްމަދު އިމްތިޔާޒަށް ގައުމީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓިދާނެތޯ ސުވާލު އުފައްދައި ފެންމަތިވެގެން އައި "ޒުވާބު"ގަނޑެވެ. ތިން ވަނަ ކަމަކީ ޗެއާޕާސަންގެ މަސްއޫލިއްޔަތު ބޭފުޅަކާ ހަވާލުކޮށްފައި ވަނިކޮށް ކުއްލި ގަރާރަކުން އެ މަސްއޫލިއްޔަތަށް ޕާޓީގައި ނޫފުޒު ގަދަ ރީކޯ މޫސާ މަނިކު ވަޑައިގެންނެވުމެވެ. މިނޫނަސް ބައިވަރު ކަންކަމެވެ.
ސަރުކާރު ހިންގާ ޕާޓީ، އަދި އެތެރޭ ޑިމޮކްރަސީ އެންމެ ހަރުދަނާ ކަމަށް ބުނާ ބޮޑު ޕާޓީއަށް އާ ލީޑާޝިޕެއް އައިތާ އަދި ގިނަ ދުވަހެއް ނުވެއެވެ. ޕާޓީގެ ރައީސް ކަމަށް ޑރ. އިބުރާހިމް ދީދީ )ޑީޑީ( ވަޑައިގެންނެވުމަށް މަސައްކަތްޕުޅު ފެއްޓެވި ހިސާބާއި އޭނާ މަގާމަށް ވަޑައިގެންވި ހިސާބުގައި ވަރަށް ގިނަ ބަޔަކު އާ ލީޑާޝިޕަށް ހަމަޖެހިލައިގެން އޮވެވިދާނެތޯ ކުރަމުން އައި ސުވާލުތަކާއި އުފެއްދި ޝައްކުތައް ހަގީގަތަކަށް ފުރޮޅިގެން ހިނގައިދާނެ ފަދަ މަންޒަރެއް އިއްޔެ ވަނީ ފެނިގެން ގޮސްފަ އެވެ.
"އަޅުގަނޑު އޭރު ވެސް ބުނަމުން އައިން ރައީސް ނަޝީދު ނުރުހޭ ލީޑާޝިޕަކަށް އެމްޑީޕީއަކު ދެމިއެއް ނޯވެވޭނޭ. އޭގެ ކޮޅުމަތި މި ލައިގަތީ. ރައީސް ނަޝީދުގެ ބޭނުންފުޅުވީ ރައީސް ކަމަށް ޒަކީ ވަޑައިގަތުމަށް. އެކަން ނުވުމުން ދެން ޑީޑީއަށް އެމަގާމުގައި ހުންނެވުމަކީ މާ ފަސޭހަ ކަމަކަށް ނުވާނެ،" އެމްޑީޕީގެ ތެރޭގައި ހަރަކާތެރިވާ ސިޔާސީ ބޭފުޅަކު ވިދާޅުވި އެވެ. ހަމައެއާއެކު ޕާޓީގެ އެތެރޭގެ އިންތިހާބު ބޯމަތިވެގެން އައި ދަނޑިވަޅުގައި ޕާޓީގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވެސް ވިދާޅުވެފައި ވަނީ "އެމްޑީޕީގެ ރައީސްކަން ކުރެއްވެވޭނީ ރައީސް ނަޝީދުގެ ޕަޕެޓަކަށް" ކަމަށެވެ. މާޒީއަށް ބަލާއިރު އެމްޑީޕީގެ ރައީސް ކަމުގައި އެއްވެސް ބޭފުޅަކަށް ފައިތިލަ ސާބިތު ކުރެވިފައި ނުވުމާއި ކުއްލިއަކަށް ޕާޓީތެރޭގައި އުފުލުނު "ރާޅު"ގެ ސަބަބުން މިވަގުތަކީ އެމްޑީޕީގެ ރައީސް ޑރ. ޑީޑީގެ "ދުވަސްދިއުމުގެ" ވަގުތު ކަމަށް ވުމަކީ ބައެއް ފަރާތްތަކުން ބުނާ ގޮތުން ނަމަ ވަރަށް އެކަށީގެންވާ ކަމެކެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޑރ. ޑީޑީއަށް މެންބަރުން އާނއެކޭ ބުނެފައި ވިޔަސް ޕާޓީގެ ތެރޭގައި އޮތް ނުފޫޒުގަދަ ވަކިތަކުން ޕާޓީ އެއްފަރާތެއް ނުވެ އެވެ. ބަނޑޮހުގައި ކުއްލި ގޮތަކަށް ބޭއްވި ގައުމީ ޖަލްސާގައި ގެނައި ކުއްލި ބަދަލަކީ އޭގެ އަސްލު ކަމަށް މާނަ ކުރެވިދާނެ އެވެ. ޕާޓީގެ މެންބަރުންގެ ބައިވެރިވުމަކާ ނުލައި ރީކޯ މޫސާ ޗެއާޕާސަނަކަށް ކަނޑައަޅުމާ އެކު ޕާޓީގެ ތެރޭގައި ވަނީ އުދަބާނި އުފުލިފަ އެވެ. ބޮޑު މަންޒަރު ކަސްވުވުމާ އެކު މެންބަރުންގެ ނުތަނަވަސްކަން ވެސް ވަނީ ބޮޑުވެފަ އެވެ.
މީގެ ކުރިން އެމްޑީޕީގައި މިހެން ދިމާވި ފަހަރު ފަހަރު ޕާޓީގެ ރައީސް ކަމުގައި ތިއްބެވި ފޭޅުން ހަނު ތިއްބެވި ނަމަވެސް، ޑރ. ޑީޑީ ވަނީ މިހާރުގެ ހާލަތަށް ފުރަތަމަ ވެސް ގޮންޖައްސަވާފަ އެވެ. އޭނާ ވިދާޅުވަނީ ރީކޯ މޫސަ ވަގުތީ ޗެއާޕާސަން އަކަށް ޕާޓީގެ އެންމެ މަތީ ގުނަވަނުން އިންތިހާބު ކުރުމަކީ ސުވާލުތައް އުފެދޭ ކަމެއް ކަމަށެވެ. ގައުމީ މަޖިލީހުގެ އެ ނިންމެވުމަކީ ފާޅުކަން ބޮޑު ގޮތެއްގައި ޑރ. ޑީޑީގެ ލީޑާޝިޕާ ދިމާއަށް އަންނަ ތީރެއްކަމާއި އެކަމުގެ ނުރައްކާތެރިކަން ޑީޑީއަށް ވިސްނި ވަޑައިގެންފައި އޮތުމަކީ ވެސް ވަރަށް ގާތްކަމެކެވެ.
"އަސާސީ ގަވާއިދުގެ 87 ވަނަ މާއްދާގެ )ޅ( ގައި ވަރަށް ސާފުކޮށް ލިޔެވިފައި އެބަ އޮވޭ ޕާޓީގެ ޗެއާޕާސަން ނެތް ހާލަތެއްގައި ވަގުތީ ގޮތުން އެ މަގާމާއި މަސްއޫލިއްޔަތު އަދާކުރަން ޖެހޭނީ ޗެއާޕާސަންގެ ނައިބު އިދާރީއާ ކަމަށް،" ޑރ. ޑީޑީ ވިދާޅުވި އެވެ. "އެހެންވީމާ އެގޮތުގެ މަތިން އެގޮތަށް ހަވާލުކުރެވިފައި އޮއްވާ ގައުމީ މަޖިލީހުގައި އެތިއްބެވި މެންބަރުންގެ ތެރެއިން ވަކި ބަޔަކު އެގޮތަށް އެ ނިންމެވީ."
ޑރ. ޑީޑީ ވިދާޅުވާ ގޮތުގައި އެއީ ގާނޫނީ ލަފަޔަކަށް ބޭނުންވާނެ ކަމެކެވެ.
"އެގޮތަށް ނިންމީމާ އެއީ ކިހާވަރެއްގެ ކަމެއްތޯ ބަލައިލަން ޖެހޭ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ،" ޑރ. ޑީޑީ ވިދާޅުވި އެވެ.
ސުވާލު އުފެދިފައިވާ މި މައްސަލައާ ބެހޭ ގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި މި ބަދަލު ގެނައުމުގެ ގަރާރު ހުށަހެޅުއްވެވި ދިއްދޫ އަހުމަދު ސަމީރު ވިދާޅުވީ ޕާޓީގެ ރައީސް އަވަސްއަވަހަށް މި ބަދަލާ ދެކޮޅު ހެއްދެވުމަކީ އޭގެ ފަހަތުގައި ކަމެއް ފޮރުވިފައި އޮތުން ކަމަށް ބެލެވޭ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ އެހާ އަވަހަށް އެވާހަކަ ޑީޑީ ދެއްކެވުމުގައި އެބަ ހުރި ކަންނޭނގެ ފޮރުވިފައވާ އެހެން ހަގީގަތްތަކެއް. އަޅުގަނޑު އެގަރާރު ހުށަހަޅާފައި އެ އޮތީ ޕާޓީއަށް އައިސްފާނެ ހުސްކަމެއް ފޮރުވަން. އަޅުގަނޑު ޗެލެންޖް ކޮށްފައި މި ބުނަނީ ޑީޑީއަކަށް ނުދެއްކޭނެ މީގައި ގަވާއިދާ ހިލާފުކަމެއް. އަދި އެކަމުގައި ގޮތެއްނިންމާފައި އެވަނީ ވެސް ޕާޓީގެ ރައީސްގެ މައްޗަށް ވެސް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގެ ބާރު އޮންނަ މަޖިލީހަކުން،" ސަމީރު ވިދާޅުވި އެވެ.
އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ އެހެން މެންބަރަކު ވިދާޅުވީ ގައުމީ މަޖިލީހުގެ ނިންމެވުމަށް ޑރ. ޑީޑީ ދެކޮޅު ހައްދަވަނީ "މަގާމު ގެއްލިދާނެ ކަމުގެ ބިރަށް" ކަމަށެވެ.
އެހެންނަމަވެސް ޑރ. ޑީޑީ ވަނީ ކުރިން އެސުވާލަށް ޖަވާބު ދެއްވާފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ އެމްޑީޕީގެ ކުރީގެ ރައީސުންނަށް މަގާމް ގެއްލުނީ ވެރިކަމުގެ ދަހިވެތި ކަމުގެ "ބެލި ޖެހިގެން" ކަމަށެވެ.
"އަޅުގަނޑުގެ އެބައްޔެއް ނެތް،" ޑރ. ޑީޑީ ކުރިން ވިދާޅުވެފައިވެ އެވެ. ފަހަރުގައި އެހާ ކުރިން ޑރ. ޑީޑީ އެ މެސެޖް ދެއްވީ މިދުވަހަށް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ޕްރިޑިކްޓް ކުރައްވައިގެން ހުންނެވުމުންނެވެ.
ޕާޓީގެ ލީޑަޝިޕްން ޗެއާޕާސަންގެ މަސްއޫލިއްޔަތުތައް ނައިބަކާ ހަވާލުކުރުމުން ގައުމީ މަޖިލީހުން އެކަމަށް ބަސް ކިއުމަކީ ޕާޓީގެ ލީޑާޝިޕުގެ ބާރު ކަނޑުވައިލަން އުޅޭ ކަމުގެ ހެއްކެއް ކަމަށް ބައެއް ފަރާތްތަކުން ސިފަ ކުރެއެވެ. އަދި މިހުރިހާ ކަމެއްގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތަކެއްވާ ކަމަށް ބުނާ މީހުން ވެސް އެބަތިއްބެވެ. ހުރިހާ ކަމަށް ބަލާއިރު މި ނަގާ ރާޅަކީ ރައީސް ނަޝީދު ހިތްޕުޅާ ނުވާ ބޭފުޅުން ޕާޓީގެ ލީޑާޝިޕްގެ ތެރެއިން އެއްފަރާތް ކުރުން ކަމުގައި މާނަ ނެގުމުގެ ފުރުސަތު އެބައޮތެވެ.