ތިމަން މަނިކުފާނަކީ ހުވަފެން ދެކޭ މީހެއް ކަމަށާއި، އަދި އެ ހުވަފެން ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރާ ހިތްވާ މީހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ގއ. ގެމަނަފުށީގައި މިރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމަށް، ބައިނަލްއަގުވާމީ މާކެޓުގައި ގޮންޖެހުންތަކެއް އެބަ ހުރި ކަމަށާއި އެކަންކަމަކީ ދިވެހިންގެ ބައެއް އަމަލުތަކުގެ ސަބަބުން ހުރި ގޮންޖެހުންތަކެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ޝުހުރަތު ނަގާލައި، ރާއްޖޭގައި ހުރި ކަންކަމާ ގުޅޭ ގޮތުން ފާޑުކިޔައި، އަމިއްލައަށް ނުބައި މައުލޫމާތު ދޭ ކަމަށްވާނަމަ ކިތަންމެ ރަނގަޅު މުދަލެއް އެކްސްޕޯޓުކުރި ނަމަވެސް އެއަށް ލިބެންޖެހޭ އެންމެ ރަނަގަޅު ނަފާ ނުލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑަކީ ހުވަފެން ފެންނަ މީހެއް. އަދި އެ ހުވަފެން ހަގީގަތަކަށް ހެދޭތޯ މަސައްކަތް ކުރާ ހިތްވާ މީހެއް. އަޅުގަނޑަކީ ނާއުއްމީދުގެ ތެރޭގަ ހަށަން ބަނދެލައިގެން ހުންނަ ހިތްވާ މީހެއް ނޫން. އަޅުގަނޑުމެންގެ ރައްޔިތުންނެއް ނޭދޭ ނާއުންމީދީ މެސެޖުތަކެއް ދޭކަށް. މިއީ އަޅުގަނޑުމެންގެ ހާލަތޭ. ނޫން! އަޅުގަނޑުމެންގެ ހާލަތު ބަދަލުކުރާނީ އަޅުގަނޑުމެން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖެއަކީ އިސްލާމީ އުސޫލުތަކުގެ މަތީގައި އޮންނަ މުސްލިމް ގައުމަކަށްވާތީ، ބައިނަލް އަގުވާމީ ދުނިޔެއަށް މަސް އެކްސްޕޯޓު ކުރާ އިރު "އަދަބު" ލިބޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ރާއްޖޭގެ ޖާގަ ދެނީ ހަމައެކަނީ އިސްލާމް ދީނަށްކަމަށްވާތީ އަޅުގަނޑުމެން އެބަ ޓެކްސް ކުރޭ. އަޅުގަނޑުމެން އިސްލާމް ދީނުގެ ބައެއް އުސޫލުތަކުގެ މަތީގައި ދެމި ތިބޭނަމޭ ބުނާތީ އަޅުގަނޑުމެންނަށް އެބަ އަދަބު ލިބޭ މަސް އެކްސްޕޯޓު ކުރާއިރު. މިއީ ދުނިޔޭގެ ވިޔަފާރީގެ ހަގީގަތް،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ މަސްވެރިކަމަށް ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މަސް ވިއްކުމުގެ ދުނިޔޭގެ ބާޒާރުގައި މަސް ވިއްކާ ހަމައެކަނި ގައުމަކީ ރާއްޖެ ނޫން ކަމަށާއި، ރާއްޖެއަކީ މަސް ވިއްކާ ގައުމުތަކުގެ ތެރޭގައިވެސް ވަރަށް ކުޑަކުޑަ މިންވަރެއް އެކްސްޕޯޓު ކުރާ ގައުމެއް ކަމަށެވެ. އަދި ދުނިޔޭގެ މަހުގެ ބާޒާރުގައި އަގު ހެދުމުގައި ރާއްޖެއަކީ އެއްވެސް ވަރެއްގެ ބާރެއް އޮތް ގައުމެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކަން މިގޮތަށް އޮތުމާއެކު ރާއްޖެއިން ބަލަންވީ، ތާޒާކޮށް މަސް އެކްސްޕޯޓު ކުރުމުގެ ބަދަލުގައި ދަޅުގައި މަސް ބަންދުކޮށްގެން މަސް އެކްސްޕޯޓު ކުރުމަށް މަސައްކަތް ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަށްޓަކައި ސަރުކާރުން ހޭދަތަކެއް ކޮށްފައިވާ ކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ބޮޑެތި ކޭނަރީތައް ގާއިމް ކުރުމުގެ ބަދަލުގައި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުދިކުދި ކޭނެރީތައް ގާއިމް ކުރުން ކަމަށެވެ.

އެގޮތުން އަންނަ އަހަރުގެ ތެރޭގައި ސައުދީ ފަންޑުގެ އެހީގައި ރާއްޖޭގައި "ދެތިން ހަތަރު" ކޭނެރީ ގާއިމް ކުރުމުގެ މަސައްކަތް ފަށަން ރާވާފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ.

"އެހެންކަން ވީމާ މަސް ކަލެކްޓު ކުރަން ދާ ބޯޓު ފަހަރު މަސް ގަންނަންދާ ދިއުމަށް ހައްލުތަކެއް އަންނާނެ،" ރައީސް ވިދާޅުވިއެވެ.